އިބްރާހިމް ހަމީދު
ސްކޫލަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން ކައުންސިލާ ބައްދަލުކުރެވުނު އަދަދުވެސް ނޭގޭ: ސްކޫލް ޕީޓީއޭގެ ކޯޑިނޭޓަރ
މިދިޔަ އަހަރު ކުޅުދުއްފުށީ ކައުންސިލަށް ލިބުނު އާމްދަނީ 98 ޕަސެންޓް ހަރަދު ކޮށްފައިވަނީ ކުޅުދުއްފުށީގެ ޕްރީ ސްކޫލްތަކަށް ކަމަށް ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒު ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒު މިހެން ވިދާޅުވީ 2012 ވަނަ އަހަރަށް ކުޅުދުއްފުށީ އަމީރު އަމީން ސްކޫލުގެ ޕީޓީއޭ އިފްތިތާހު ކުރުމަށް ރޭ ޖަލާލުއްދީން ސްކޫލުގައި ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި އެވެ.
އިބްރާހީމް ރަމީޒްގެ ވާހަކައިގައި 2011 ވަނަ އަހަރު ކުޅުދުއްފުށީ ކައުންސިލަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ޕްރީ ސްކޫލުތަކަށް ހަރަދުކުރަން ޖެހުމުން ކައުންސިލުގެ އެހެނިހެން މަސައްކަތްތައް ނުކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
“މިދިޔަ އަހަރު ކުޅުދުއްފުށީ ކައުންސިލަށް ލިބުނު އާމްދަނީގެ 98 ޕަސެންޓް ވާނީ ކުޅުދުއްފުށީ ޕްރީ ސްކޫލުތަކަށް ހަރަދު ކޮށްފައި. ކައުންސިލުން ކުރަންޖެހޭ އެހެން ކަންތައްތައް ވަނީ ޕްރީސްކޫލުތަކަށް ހަރަދު ކުރަން ޖެހުމުން ނުކުރެވިފައި” ރައީސް ވިދާޅުވިއެވެ.
ކައުންސިލުގެ ރައީސް ވިދާޅުވީ ކައުންސިލުތައް އުފެދި ލާމަރުކަޒީ ނިޒާމެއް އައުމުން ކައުންސިލްތަކުން ހަރަދު ކުރަން ޖެހެނީ އެކައުންސިލަކަށް ލިބޭ އަމްދަނީން ކަމަށެވެ.
“ބައެއް ބެލެނިވެރިންނަށް ހީވާ ކަހަލަ ކައުންސިލްތައް އުފެދުނީމާ ސްކޫލުތަކުގެ ކަންތައްތައް ދުވަހުން ދުވަހަށް ވާންޖެހޭނޭ. އެހެނެއް އެކަމެއް ނުވާނެ. މިހާރު މިއޮތީ ނިޒާމު ބަދަލުވެ ލާމަރުކަޒީ ނިޒާމެއް އައިސްފައި. އެރަށެއްގެ ކައުންސިލުން ކުރަންޖެހޭ ހަރަދުތައްވެސް ކުރަން ޖެހެނީ ކައުންސިލަށް ލިބޭ އާމްދަނީން” ރައީސް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި، ކައުންސިލުން ޕްރީ ސްކޫލުތަކަށް އެހީތެރިކަން ފޯރުކޮށްދޭ މިންވަރުގެ މައްޗަށް ކައުންސިލުގެ ރައީސްގެ ވާހަކަފުޅު އަމާޒުކުރައްވާފައިވާ އިރު ރައީސް ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލާއި ފުވައްމުލަކު ކައުންސިލުން އެރަށްރަށުގެ ޕްރީ ސްކޫލަކަށް ލޯލާރިއެއް ވެސް ދެމުން ނުގެންދަވާ ކަަމަށެވެ. އަދި އެސްކޫލުތަކަކީ ފީ ނަގައިގެން ހިންގާ ސްކޫލުތަކެއްކަން ފާހަގަ ކުރައްވާ ރަމީޒް ވިދާޅުވީ ކުޅުދުއްފުށީ ކައުންސިލުން ކުޅުދުއްފުށީގެ ޕްރީ ސްކޫލުތަކަށް ވަރަށް ބޮޑަށް އެއްބާރުލުން ދެމުން ގެންދަވާ ކަމަށެވެ.
ރޭ ބޭއްވި ޖަލްސާގައި އަމީރު އަމީން ސްކޫލުގެ ޕީޓީއޭގެ ކޯޑިނޭޓަރ ސާދުނާ އިބްރާހިމް ވިދާޅުވީ އަމީރު އަމީން ސްކޫލުގެ އާބާދީ ދުވަހަކުވެސް ގިނަ ނުވާ މިންވަރަށް މިއަހަރު ގިނަ ވެފައިވާ ކަމަށެވެ. އެހެންވުމުގެ ސަބަބުން ސްކޫލުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި ސްކޫލުގައި ކުޑަގުދަނެއް ހަދައި ދިނުމަށް ކުޅުދުއްފުށީ ކައުންސިލުގައި އެތައް ފަހަރެއްގެ މަތިން އެދިފައިވާނެ ކަމަށެވެ. އެހެންނަމަވެސް ގުދަން ހަދާނެ ބަޖެޓެއް ނެތްކަމަށާއި މިދިޔަ އަހަރު އެސްކޫލުގެ ފޮޓޯ ކޮޕީ މެޝިން ނެތުމުގެ ސަބަބުން ޓީޗަރުންނަށް ތަފާތު ދަތިތަކާ ކުރިމަތި ވަމުން އަންނަ ކަމަށެވެ.
” މިހާރު ސްކޫލުން ކާޓްރިޖް ދިނުމުން އެއީސީ ސްކޫލަށް ގޮސް ފޮޓޯކޮޕީ ނަގަމުންދަނީ. ފޮޓޯ ކޮޕީއެއް ނަގަންޖެހޭ ކޮންމެ ވަގުތަކު އެހެން ތަނަކަށް ދިއުން މިއީ ފަސޭހަކަމެއްނޫން. ޓީޗަރުން މިހާ ބުރަކޮށް މަސައްކަތް ކުރަމުންދާއިރު ވެސް މަސްނިމުމުން ލިބޭ އުޖޫރަވެސް އަޅުގަނޑުމެންނަށްް ހަމައަށް ނުލިބޭ. އެމައްސަލާގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށާއި ކައުންސިލަށް ދެވުނު އަދަދުވެސް ބުނަން ނޭގޭ” ސާދުނާ އިބްރާހިމް ވިދާޅުވިއެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި އަމީރު އަމީން ސްކޫލުގެ ޕީޓީއޭއަށް އަލަށް ހޮވުނު ނައިބު ރައީސާ ސާދުނާ މުހައްމަދު ވާހަކަ ދެއްކެވި އެވެ. އަދި 2011 ވަނަ އަހަރުގެ އެސްކޫލުގެ ޕީޓީއޭ ހިނގައި ދިޔަގޮތުގެ ރިޕޯޓް ވެސް އިއްވި އެވެ.
އަމީރު އަމީން ސްކޫލުގައި މިއަހަރު 500 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުން ގެންދެއެވެ. ސްކޫލުގެ އިދާރީ ބައިގައި މިދިޔަ އަހަރު 3 މުވައްޒަފަކު ތިބިއިރު މިއަހަރުގެ ދިރާސީ އަހަރު ފެށުނު އިރު ތިބީ 2 މުވައްޒަފުން ކަމަށް އެސްކޫލުން ބުނެއެވެ.