twitterviber whatsapp telegramfacebookyoutube instagram
20th April 2024

އަފީފުއްދީންގެ ކުލާސް ރޫމްތައް އިމާރާތްކުރުމުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން ބަލި މަޑުކަމެއް ފެތުރިދާނެ: ޕްރިންސިޕަލް

Feb 7, 2012

އިބްރާހިމް ހަމީދު

އަފީފުއްދީން ސްކޫލުގައި އަލަށް އިމާރާތް ކުރަން ފަށާފައިވާ ކްލާސް ރޫމް އިމާރާތުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން އެސްކޫލުގެ ތެރޭގައި ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރު ހީވާ ކަމަށް އެސްކޫލުން ބުނެފި އެވެ.

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވީ، އެސްކޫލުގައި ކްލާސް ބަރިއެއް އެޅުމަށް ސަރުކާރުން ޓޫއެލް ކޮންސްޓްރަކްޝަނާ ހަވާލުކުރުމުން އަމަލީ މަސައްކަތް ހުސްވި ޑިސެމްބަރު މަހުގެ ތެރޭގައި ފެށި ނަމަވެސް ފައުންޑޭޝަން އެޅުމަށް ވަޅުތަކެއް ކޮނުން ފިޔަވާ އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށެވެ.

“މިއަދާ ހަމައަށް އެކުންފުނިން ކޮށްފައިވާ މަސައްކަތަކީ ފައުންޑޭޝަން އެޅުމަށް ވަޅުތަކެއް ކޮނުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް ނުކުރޭ. އަދި މަސައްކަތަށް ބޭނުންވާ އެއްވެސް އެއްޗެއް ސައިޓަށް ގެނެސްފައެއް ނުވޭ” ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން އެ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ، ފައުންޑޭޝަން އެޅުމަށްޓަކައި ކޮނެފައި ހުރި ބޮޑެތި ވަޅުގަނޑުތަކުގައި ފެން ހެދިފައި ހުރުމުގެ ސަބަބުން ގިނަ އަދަދަކަށް މަދިރި އުފެދިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސްކޫލުތެރޭގައި ބަލިމަޑުކަމެއް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތްކަމަށް އޭނާ ވިދާޅުވި އެވެ. އެމައްސަލަ އެޑިޔުކޭޝަން މިނިސްޓްރީގެ ޕުރޮޖެކްޓްތައް ހިންގުމަށް ހަވާލުވެހުންނަވާ ބޭފުޅާގެ ސަމާލުކަމަށް ގެނެވިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުލާސް ރޫމުތައް އެޅުމުގެ މަސައްކަތްކުރާ ސަރަހައްދުގައި އުޅުނު ބިދޭސީ އަކު މިދިޔަ މަހު ބުނެފައިވަނީ ދެ ދުވަސް ތެރޭ އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި އަންނާނެ ކަމަށާއި އެމަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏާ ގުޅޭގޮތެއް ވެފައި ނުވާކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.

މިކަމާ ބެހޭ ގޮތުން ޓޫއެލް ކޮންސްޓްރަކްޝަން ކުންފުނީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައި އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެޑިޔުކޭޝަން މިނިސްޓަރ ޝިފާ މުހައްމަދާއި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ބިންގާ އަޅުއްވައި ދެއްވި މިމަޝްރޫއުގައި އަފީފުއްދީން ސްކޫލުގައި 8 ކްލާސް ރޫމްގެ ތިން ފަންގިފިލާ އިމާރާތްކުރާ ގޮތަށް ވަނީ ހަމަޖެހިފައި ވެއެވެ. މަސައްކަތްތައް ކުރުމަށް ކޮންޓްރެކްޓް ކުރެވިފައި ވަނީ ޓޫއެލް ކޮންސްޓްރަކްޝަން ކުންފުންޏާއެވެ. ޓޫއެލް ކޮންސްޓްރަކްޝަނާ އެކު މިމަސައްކަތް ކުރުމަށް ސަރުކާރުން އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ނޮވެމްބަރު މަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355