ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފަށް ރައީސް ނަޝީދު އަމަލުތައް ކުރަށްވަމުންދާކަމަށް ބުނެ މީގެ ވިއްސަކަށް ދުވަހުގެ ކުރިން ކުރަންފެށި މުޒާހަރާތައް ރެޔާއި ހަމައަށް ދިގުދެމިގެންގޮސް، ރެޔާއި މިއަދު ހިގާދިޔަ ހަމަނުޖެހުންތަކަށްފަހު ކުރިމަތިވި ޕްރެޝަރގެ ސަބަބުން ނެވެ.
ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ގައުމާ މުހާތަބް ކުރަށްވަމުން ވިދާޅުވީ، “އަޅުގަނޑު އިތުރަށް ރާއްޖޭގެ ރައީސް ކަމުގައި ހުރެއްޖެނަމަ ރާއްޖޭއަށް އިތުރު ގެއްލުންތަކެއް ކުރިމަތިވެދޭނެތީ ވެރިކަމުން އިސްތިއުފާދިނީ. ސަރުކާރު އިތުރަށް ދެމެހެއްޓުމަށް މަސައްްކަަތްކޮށްފިނަމަ ބޭރުގެ ނުފޫޒުތައް ރާއްޖެއަށް އަތުވެދާނެތީ އިސްތިއުފާދިނީ. އަޅުގަނޑު ވަރަށް ހެޔޮ ހިތުން މިނިންމީ އިސްތިއުފާ ދިނުމަށް. އަޅުގަނޑު މިގޮތަށް ނިންމީ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮއެދޭތީ. އަޅުގަނޑު އަބަދުވެސް އެދެނީ ރާއްޖޭގައި އަބަދުވެސް ޑިމޮކްރެޓިކް ހަމަތަކާއި އިންސާފު ގާއިމުވެފައި އޮތުން. އަޅުގަނޑު އެދެނީ ރާއްޖޭގެ ތަރައްގީއާ ކުރިއެރުމަށް.” ކަމަށެވެ.
މިއަދުގެ ވަގުތެއްގައި ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރަށްވާނެއެވެ. ހުވާ ކުރުން އޮންނާނީ ރައްޔިތުންގެ މަޖިލިސް ކުރާގޭގައެވެ.
ރައީސް ނަޝީދުގެ އިތުރުން ޕޮލިސް ކަމިޝަނަރު އަދި ޑެޕިއުޓީ ކޮމިޝަަނަރ ވެސް ވަނީ އިސްތިއުފާ ދީފައެވެ.