.
އިބްރާހިމް ހަމީދު
ދިވެހިރާއްޖޭގެ ވެރިކަން މިއަދު ބަދަލުވުމާއި ގުޅިގެން ކުޅުދުއްފުށީގައި އުފާ ފާޅުކުރުމުގެ ގޮތުން ލޮރީ ބުރެއް ބާއްވައިފިއެވެ.
ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު އިސްތިއުފާ ދިނުމާއި ގުޅިގެން ކުޅުދުއްފުށީގެ ރައްޔިތުންގެ ތެރެއިން ބަޔަކު އުފާފާޅުކުރުމުގެ ގޮތުން ބޭއްވި ލޮރީ ބުރުގެ އިތުރުން، މިއަދު ހަވީރު ކުޅުދުއްފުށީގެ އަތިރިމައްޗަށް އެއްވެފައި ތިބި މީހުން ބޮޑުބެރު ޖަހާ މިއަދު އިސްތިއުފާ ދެއްވި ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ކިޔާ ވާހަކަ ދައްކާފައިވެއެވެ.
އެމީހުންގެ ވާހަކައިގައި ފުލުހުންނާއި ދިވެހި ސިފައިންނާއި ރައްޔިތުން ކުރި މަސައްކަތަށް ޝުކުރު އަދާކުރިއެވެ.
ސިފައިންނާއި ފުލުހުން ގައުމަށްޓަކާ ކުރި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން މިރޭ ވަނީ ކުޅުދުއްފުށީގައި ހުންނަ އެމްއެންޑީއެފް ޕޯސްޓަށާއި ޕޮލިސް ސްޓޭޝަނުގެ ބޭފުޅުންގެ އަރިހަށް ވެދުމާއި ގޮސްފައެވެ.