.
އިބްރާހިމް ހަމީދު
މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ހިންގަމުންދާ ހދ. އަތޮޅުގެ، ކޯޓް އަމުރަކާއެކު ފުލުހުން ބަލާފާސް ކުރުމުން އެއްވެސް ބާވަތެއްގެ މަސްތުވާއެއްޗެއް ފެނިފައި ނުވާ ކަމަށް މެރިޓައިމް އެކަޑަމީން ބުނެފިއެވެ.
މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ސީއީއޯ އާދިލް ރަޝީދު ވިދާޅުވީ، މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ހިންގާ ހދ. އަތޮޅުގެ އިމާރާތުގައި ބަނގުރާ ހުރިކަމަށް ތުހުމަތު ކުރެވިގެން މިމަހު 8 ވަނަ ދުވަހު މެންދުރު ކޯޓް އަމުރަކާއެކު ފުލުހުންވަނީ އެއިމާރާތް ބަލާ ފާސް ކޮށްފައެވެ. އެހެން ނަމަވެސް ބަނގުރާ ނުވަތަ މަސްތުވާ ޒާތުގެ އެއްވެސް އެއްޗެއް އެއިމާރާތުގެ ތެރެއިން ފެނިފައިނުވާ ކަމަށް އާދިލް ވިދާޅުވިއެވެ.
ފުލުހުން ވެސް ވަނީ އެ އިމާރާތުން ބަނގުރާ ނުވަތަ މަސްތުވާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް ކަށަވަރު ކޮށްދެއްވާފައެވެ.
މިހާރުވެސް އެއިމާރާތުގައި ހުނަރު ޕްރޮގުރާމްގެ ދަށުން ކުރިއަށް ގެންދާ ކޯސްޓަލް ނެވިގޭޝަން ކޯސް ކުރިއަށްދާ ކަމަށާއި އިތުރު ކޯސް ތައް ވަރަށް އަވަހަށް ފެށޭނެކަމަށް އާދިލް ވިދާޅުވިއެވެ.
މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ހދ. އަތޮޅުގެ އިމާރާތްގައި ރަސްމީ ކޮށް ހިންގަން ފެށީ 2011 ވަނަ އަހަރުގެ ޑިސެމްބަރުމަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތަކަށް ފަހުއެވެ. އެދުވަހަށްފަހު މެރިޓައިމް އެކަޑަމީން ދަނީ ހުނަރު ޕްރޮގުރާމްގެ ދަށުން ކޯސްޓަލް ނެވިގޭޝަން ކޯސް އެތަނުގައި ހިންގަމުންނެވެ.