.
8 ފެބްރުއަރީ ވީދުވަހު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންއަށް ހަމަލާދިން މައްސަލަ ފުލުސް އޮފީހުން ބަލަން ފަށާފައިވާކަމަށް ފުލުސް އޮފީހުން މައުލޫމާތު ދީފިއެވެ.
ދިވެހިރާއްޖޭގެ ސަރުކާރު ބަދަލުވުމާއި ގުޅިގެން ކުރީގެ ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން މާލޭގައި ކުރި މުޒާހަރާގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގި ޖަރީމާ ތަކުގެ ތެރެއިން، އެދުވަހު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންއަށް ހަމަލާދިން މީހުންގެ ތެރެއިން އަދި އެއްވެސް މީހެއް ހައްޔަރު ކޮށްފައެއް ނުވެއެވެ.
ފުލުހުންގެ މީޑިއަރ އޮފިޝަލް ސަބް އިންސްޕެކްޓަރ އަހުމަދު ޝިޔާމް ވިދާޅުވީ، 8 ފެބްރުއަރީގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން އަށް ހަމަލާ ދިން މައްސަލަ މިހާރު ބަލަމުންދާ ކަމަށާއި އެއްވެސް ފަރާތެއް އަދި ހައްޔަރު ކޮށްފައި ނުވާކަމަށެވެ. އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވިކަމުގައި ވިޔަސް، އެކިފަރާތްތައް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރަމުން އެބަދެއެވެ.
8 ފެބްރުއަރީގައި ކުޅުދުއްފުށީގައި ވަނީ އެމްޑީޕީގެ ސަޕޯޓަރުން ނުކުމެ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ގޭޓު ހަލާކު ކޮށްލާފައެވެ. އަދި ގާއުކުމުގެ ސަބަބުން އިމާރާތަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު، ބައެއް ފުލުހުންނަށް އަނިޔާވެފައިވެއެވެ. ޕޮލިސް ސްޓޭޝަން ކުރިމައްޗަށް ނުކުތް އެމްޑީޕީގެ މީހުންގެ ތެރޭގައި ކުޅުދުއްފުށީ ކައުންސިލްއާއި ހދ. އަތޮޅު ކައުންސިލްއަށް ނިސްބަތްވާ މެމްބަރުންވެސް ފެނިފައިވެއެވެ. އަދި ރަށު ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ މަދިރި މަރަން ރަށުތެރެއަށް ދުންޖަހާ ފޮގް މެޝިންވެސް އެތަނުގައި ގެންގުޅުނު މަންޒަރުވެސް ފެނިފައިވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެދުވަހު ހިނގާދިޔަ ޖަރީމާތަކުގެ ސަބަބުން ހަމަނުޖެހުން ހިނގި ރަށްރަށުން އެކިމީހުން މިހާރު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި ބައެއް މީހުން ވަނީ ގޭބަންދަށްވެސް ބަދަލު ކޮށްފައެވެ.