.
އިބްރާހިމް ހަމީދު
ހދ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝުކޫރު ހައްޔަރު ކޮށްފި އެވެ.
ފެބްރުއަރީ 8 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ކުރިމައްޗަށް ނުކުމެ ބަޔަކު މީހުން ފުލުސް އޮފީހަށް ހަމަލާ ދިން މައްސަލައިގައި 3 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއަރ އޮފިޝަލް މައުލޫމާތު ދީފައި ވެއެވެ.
ފުލުހުންގެ މީޑިއަރ އޮފިޝަލް ސަބް އިންސްޕެކްޓަރ އަހުމަދު ޝިޔާމް ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފެބްރުއަރީ 8 ވީ ބުދަ ދުވަހުގެ ރޭ ފުލުސް އޮފީހަށް ދީފައިވާ ހަމަލާ އާއި ގުޅިގެން ކުރަމުން ދާ ތަހުގީގުގައި ހެއްކާއި ގަރީނާ ލިބިފައިވާތީ، ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށީން 3 މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ.
މިގޮތުން ހދ. އަތޮޅު ކައުންސިލްގެ ރައީސް ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފައި ވާކަމަށް މިނޫހަށް ވަނީ ކަށަވަރު ވެފައެވެ. ނަމަވެސް އޭނާގެ އިތުރުން ދެން ހައްޔަރު ކުރީ ކޮންބައެއްކަން އަދި ވަނީ ސާފު ވާގޮތް ނުވެފައެވެ.
މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ސާފު ކުރުމަށް ކުޅުދުއްފުށީގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ހދ. އަތޮޅު ކައުންސިލްގެ މެމްބަރު އަދި މީޑިއަރ ކޯޑިނޭޓަރ އަލީ މުހައްމަދަށް ގުޅާލުމުން ވިދާޅުވީ، “ބިރު ދެއްކުމުގެ ސިލްސިލާއެއް ފަށާފައިވާ” ކަމަށެވެ.
“މިއީ ސީދާ ހަމަ އެމްޑީޕީ އެކްޓިވިސްޓުންނަށާއި އެމްޑީޕީއަށް ބިރުދެއްކުމުގެ ފަލްސަފާއެއް. އެއީ މީގެ ކުރީން އިދިކޮޅު ފަރާތްތަކުން ކުޅުދުއްފުށީގައި ކުރި މުޒާހަރާތަކުގައި ދައުލަތުގެ މުދަލަށް ގެއްލުން ދީފައިވޭ. އަދި ހޮސްޕިޓަލްގެ ގޭޓް ވެސް ހަލާކު ކޮށްލާފައިވަނީ. އެއްވެސް ބޭފުޅަކު ހައްޔަރު ކޮށްފައެއް ނުވޭ.” އަލީ މުހައްމަދު ވިދާޅުވިއެވެ.
އަލީ މުހައްމަދު ވިދާޅުވީ، އަތޮޅު ކައުންސިލްގެ ރައީސް އިއްޔެ ޗުއްޓީއަށް ސިޓީ ލައިފައި ވާކަމަށެވެ. އަދި މިއަދު އޮފީހަށް ނުދުރުވާކަމަށްވެސް ވިދާޅުވިއެވެ. އަދި ޝުކޫރު ހައްޔާރު ކޮށްފައިވާ ކަމުގެ ހަބަރު ލިބިފައިވާ ކަމަށާއި ނަމަވެސް އަދި ފުލުހުންނަށް ނުގުޅާ ކަމަށާއި އެކަން އޮޅުންފިލުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މުހައްމަދު ޝުކޫރަކީ އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އާދަމް ވަހީދުގެ މައްޗަށް ކައުންސިލް އިން އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަގާމުން ވަކި ކުރުމުން ކައުންސިލް މެމްބަރުންގެ ވޯޓުން އިންތިހާބު ކޮށްފައިވާ އާ ރައީސެވެ.