.
މިދިޔަ ބުދަ ދުވަހުގެ ރޭ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ކުޅުދުއްފުށީ ކައުންސިލުގެ ނައިބު ރައީސް ފާރޫގު މުހައްމަދު މިރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބުދަ ދުވަހުގެ ރޭ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ތުހުމަތު ކުރެވޭ ފަރާތްތަކާ ސުވާލު ކުރަމުން އަންނަ ކަމަށާއި އަދި ހައްޔަރު ކުރަންޖެހޭ ފަރާތްތައް ހައްޔަރުކުރަމުން ގެންދާ ކަމަށެވެ.
ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފާރޫގު ހައްޔަރުކުރި ސަބަބެއް ކަމަށް ފުލުހުން ބުނެފައިވަނީ މިހާރު ކުރިއަށްދާ ތަހުގީގަށް ހުރަސް އެޅިދާނެތީ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިރޭ ގާތްގަނޑަކަށް 8:30 ހާއިރު އޭނާގެ ގޭގައި ހުންނަވަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.
ކުޅުދުއްފުށީ ކައުންސިލުގެ ނައިބު ރައީސްގެ އިތުރުން ހދ އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ޝުކޫރުވެސް ވަނީ މިއަދު ހައްޔަރު ކޮށްފައި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލައިގައި ކުޅުދުއްފުށިން މިހާތަނަށް ޖުމްލަ 9 މީހުން ވަނީ ހައްޔަރުކޮށްފައި އެވެ.