.
ހާޝިމް އަބޫބަކުރު
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ކުޅުދުއްފުށީ ކައުންސިލްގެ އިދާރާގެ ދަށަށް ބަދަލުވި ޕަބްލިކް ވޯކްސް ސަރވިސަސްގެ އެއްވެސް މުއައްޒަފަކަށް ޖެނުއަރީ މަހުގެ މުސާރަ އަދިވެސް ނުލިބޭކަމަށް އެ ސަރވިސަސްގެ މުއައްޒަފުން ބުނެފިއެވެ.
އެ ސަރވިސަސްގެ މުއައްޒަފަކު ކުޅުދުއްފުށީ އޮންލައިންއަށް މައުލޫމާތު ދެމުން ބުނީ 2012 ޖެނުއަރީ މަހުގެ މުސާރަ އަދިވެސް ނުލިބޭ ކަމަށާއި، މިހާރު ފެބްރުއަރީ މަސް ދެބައިވެގެން ދިޔައިރުވެސް އެކަމުގެ އަލިމަގެއް ފެނިފައި ނުވާތާނގަ މުސާރަ ލިބޭނެ ދުވަހެއްވެސް ނޭނގޭ ކަމަށެވެ. ކުރިން ޤައުމީ އިދާރާގެ ދަށުން މަސައްކަތް ކުރަމުން ދިޔައިރުވެސް ބަޖެޓްގެ ތާށިކަން ކުރިމަތިވަމުން ދިޔަ އެ ސަރވިސަސް، ރަށު ކައުންސިލް އިދާރާގެ ދަށަށް ދިއުމުން އެމީހުންގެ މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމަށް ފައިސާ ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް ކައުންސިލްގެ ފަރާތުން އެ ސަރވިސަސްއަށް ދީފައިވާކަމަށާއި، އެހެންނަމަވެސް މިހާރު މުސާރަވެސް ނުލިބޭތީ، ހުރިހާ މުއައްޒަފުންވެސް ތިބީ ވަރަށް ބޮޑަށް ހިތްނުތަނަވަސް ވެފައިކަމަށް އޭނާ ބުންޏެވެ.
“މިދިޔަ އަހަރު ޖޫން މަސް ހިސާބުން ފެށިގެން އަހަރެމެން (ޕަބްލިކްވޯކްސް ސަރވިސަސް) ނުލިބިގެން ކައުންސިލުން ވަރަށް މަސައްކަތް ކުރި. އޮގަސްޓް ހިސާބުގަ ކައުންސިލުން ވިދާޅުވި މިހާރުން މިހާރަށް އެ ސަރވިސަސްގަ ނެތް އެއްޗެހީގެ ލިސްޓް ދޭށޭ. އަހަރެމެން ދޭންވެސް ދިނިން.. އެހާވަރަށް އެމީހުން އަހަރެމެން ހޯދަން މަސައްކަތްކުރި… އެކަމަކު ކައުންސިލް އިދާރާގެ ދަށަށް ދިޔައީމަ އެ ވިދާޅުވަނީ ބަޖެޓެއް ނެތޭ… މުސާރަ ނުލިބޭތީ ވަރަށް ހިތް ނުތަނަވަސް ވެފަ ހުރިހާ ކުދިންވެސް ތިބީ.. މަހުން މަހަށް ހަމަ އަތްމަތި ހުސްވާ މީހުން އަހަރެމެން ތެރޭގަ ގިނައީ..”
މިކަމާގުޅޭގޮތުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ރަމީޒް އަހްމަދު އާއި ސުވާލުކޮށްލުމުން ވިދާޅުވީ އެ ސަރވިސަސްގެ ބަޖެޓް މިހާތަނަށް ކައުންސިލްގެ އިދާރާއަށް ލިބިފައި ނުވާކަމަށާއި މިހާރުވެސް ފިނޭންސް އަދި ހޯމް މިނިސްޓްރީގެ އިތުރުން ސިވިލް ސަރވިސަސް އާއި ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލުކުރެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ. ރަމީޒް އިތުރަށް ވިދާޅުވި ގޮތުގައި މިމައްސަލަ ދިމާވިކަމަށް ބޮޑަށް ލަފާކުރެވެނީ 2012 ފެށުނުފަހުން އެ ސަރވިސަސް އެ އިދާރާގެ ދަށަށް ބަދަލުވެގެން ދިއުމެވެ.
“އަހަރު ފެށުން ފަހުން ބަދަލުވެގެން އައީމަ ވީގޮތެއްކަމަށް ބޮޑަށް ލަފާކުރެވެނީ. އަޅުގަނޑުމެން މަޑުކޮށްގެން ތިބީ ޤައުމީ އިދާރާއަށް ބަޖެޓް ލިބޭނެކަމަށް. އެކަމަކު ޤައުމީ އިދާރާއިން އަޅުގަނޑުމެންނަށް ޖެނުއަރީ މަހު ފޮނުވާފަ އޮތީ އެބޭފުޅުންނަށް ބަޖެޓް ނެތީމަ، މިކޮޅަށް (ކައުންސިލް އިދާރާއަށް) އެމީހުން (ޕަބްލިކްވޯކްސް ސަރވިސަސް) ބަދަލުވީކަމަށް. އެކަމަކު އަޅުގަނޑުމެންނަކަށްވެސް ބަޖެޓް ލިބިފައެއްނެތް.”
މުސާރަ ލިބިފައި ނުވާ ޕަބްލިކް ވޯކްސް ސަރވިސަސްގެ މުއައްޒަފުން ބުނީ މިމައްސަލައިގައި ހަޅުތާލަކަށް ދާން އެމީހުން ބޭނުންނުވާކަމަށާއި ބޭނުންވަނީ ކަމާބެހޭ ފަރާތްތަކާއިއެކު ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަންކަމަށެވެ.
“ސްޓްރައިކެއް ޖައްސާކަށް ބޭނުމެއްނޫން. އެކަމަކު މިކަން (މުސާރަ ނުލިބި) ދިގުދެމިގެން ދާނަމަ ވަރަށް އުނދަގޫވާނެ. ހަމަ ދާގޮތަށް ގޮސް ކައުންސިލް އިދާރާ ހިސޯރުކޮށްގެން ތިބުމަކީ އަސްލު ހަގީގަތުގަ މިކަމަށް ހައްލު ލިބޭނެކަމެއް ކަމަކަށް ނުދެކެން.”
ދިވެހި ސިވިލްސަރވިސް ޤަވާއިދުގެ 54 ވަން މާއްދާގެ (ހ) ގައި ވާގޮތުން ސިވިލްސަރވިސް މުއްޒަފުންނަށް މުސާރަ ދިނުމަކީ އެމީހަކު މަސައްކަތްކުރާ އޮފީހެއްގެ މަސްއޫލިއްޔަތެކެވެ. އަދި ކޮންމެ މީލާދީ މަހެއްގެ އެންމެފަހު ދެ ދުވަހުންކުރެ ދުވަހަކު މުސާރަ ދޭންޖެހޭނެކަމަށްވެސް އެ މާއްދާގައި ބަޔާން ކޮށްފައިވެއެވެ.