twitterviber whatsapp telegramfacebookyoutube instagram
29th March 2024

މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކަށް ރާއްޖެ ޓީވީގެ ހިދުމަތް ދެމުން ގެންދާ ފަރާތްތަކުގެ ވަސީލަތްތައް ހިފަހައްޓަން ޖެހިދާނެ: ބްރޯޑްކާސްޓިން ކޮމިޝަން

Feb 19, 2012

.

މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކަށް ރާއްޖެ ޓީވީގެ ހިދުމަތް ދެމުން ގެންދާ ފަރާތްތަކުގެ ވަސީލަތްތައް ހިފަހައްޓަން ޖެހިދާނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފިއެވެ.

ރާއްޖެ ޓީވީގެ ހިދުމަތް ބައެއް ފަރާތްތަކުން މާލެ ސަރަހައްދު ފިޔަވާ އެހެން ސަރަހައްދު ތަކުގައި ދެމުން ގެންދާތީ، ރާއްޖެ ޓީވީ ދެއްކުމުގެ ލައިސަންސް ދެވިފައިވަނީ ހަމައެކަނި މާލެ ސަރަހައްދަށް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ބުނެފައެވެ. ނަމަވެސް އޭގެ ފަހުން ވެސް ބައެއް ފަރާތްތަކުން އެހެން ސަރަހައްދުތަކުގައި ރާއްޖެ ޓީވީގެ ހިދުމަތް ދެމުން ގެންދާނީ، ބްރޯޑްކާސްޓިން ކޮމިޝަނުން ނެރެފައިވާ އިއުލާނުގައި ބުނެފައި ވަނީ، ރާއްޖެ ޓީވީ އޮޕަރޭޓްކުރާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް 2008 ވަނަ އަހަރު ދޫކޮށްފައި ވަނީ ހަމައެކަނި މާލެ ސަރަހައްދަށް ކޭބަލް މެދުވެރިކޮށް ޚިދުމަތް ދިނުމަށް އެ ފަރާތުން ބޭނުންވެގެން އެދި ހުށަހެޅުމުން، އެގޮތަށް ކަމަށެވެ. އަދި މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި ރާއްޖެ ޓީވީގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދަވާ ފަރާތްތަކުން އެކަން ކުރައްވަމުން އެ ގެންދަވަނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނު (2010/16) ގެ 22 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށް ވާތީ، އެކަން ވަގުތުން ހުއްޓާލުމަށް އެ ކޮމިޝަންގެ އިއުލާނަކުން ވަނީ އާންމުކޮށް އަންގައިފައި ކަމަށެވެ. ނަމަވެސް، އެ އިއުލާނަށް އިޖާބަ ދިނުމެއް ނެތި، ބައެއް ފަރާތްތަކުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި ރާއްޖެ ޓީވީގެ ޚިދުމަތް މިހާރު ވެސް ފޯރުކޮށްދެމުން ގެންދަވާ ކަމަށް ބުނެ އެ ކޮމިޝަނަށް ޝަކުވާތައް ލިބެމުން ދާކަމަށްވެސް އެއިއުލާނުގައި ވެއެވެ.

“ވީމާ، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި ރާއްޖެ ޓީވީގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދަވާ ފަރާތްތަކާ މެދު ބްރޯޑްކާސްޓްކުރުމުގެ ގާނޫނު (2010/16) ގެ 44 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދައިން، ބްރޯޑްކާސްޓްކުރުމަށް ބޭނުންކުރާ އާލާތްތައް ހިފެހެއްޓުމަށް ކަމާ ބެހޭ ފަރާތްތަކަށް އަންގަންޖެހިދާނެކަން އަންގައި އިއުލާންކުރަމެވެ.” ބްރޯޑްކާސްޓިން ކޮމިޝަނުން ނެރެފައިވާ އިއުލާނުގައި ވެއެވެ.

ކުޅުދުއްފުށީގައި ކޭބަލް ޓީވީގެ ހިދުމަތް ދެމުން ގެންދާ ކޭބަލް ޗޮއިސް އަދި ވޭވް ލެންތުން ވެސް ރާއްޖެ ޓީވީގެ ހިދުމަތް ދާދިފަހުން ވަނީ ދޭން ފަށާފައެވެ. އަދި މިއަދުވެސް އެފަރާތްތަކުން ހިދުމަތް ހޯދާ ފަރާތްތަކަށް އެޗެނަލް ވަނީ ދޫކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355