.
ހާޝިމް އަބޫބަކުރު
– މި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އެންމެ ގެއްލުންވާނެ އެއް ރަށަކީ ކުޅުދުއްފުށި
ކުޅުދުއްފުއްޓަށް އަންނަ އެއްވެސް ތަރައްޤީއަކަށް ކުޅުދުއްފުށީ ކައުންސިލުން ހުރަހެއްނާޅާނެ ކަމަށް ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ރަމީޒް އަޙްމަދު ވިދާޅުވެއްޖެއެވެ.
2012 ވަނަ އަހަރު ކުޅުދުއްފުށީގެ ތަރައްޤީއަށްޓަކައި ކުރުމަށް ވަރަށް ގިނަ ކަންތައްތަކެއް ކައުންސިލުން ރާއްވަވާފައި ހުރިކަން ހާމަކުރައްވަމުން ރަމީޒް ވިދާޅުވިގޮތުގައި އެކަންތައްތަކަކީ ނިމިދިޔަ ސަރުކާރުގެ ފުރިހަމަ ސަޕޯޓް ލިބިގެން ރާއްވަވާފައިހުރި ކަންތައްތަކެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހު އެކައުންސިލުން ސަރުކާރުގެ ވަފުދަކާއި ބައްދަލުކޮށްފައި ވާނޭ ކަމަށާއި އަދި ކުރީ ސަރުކާރުން އެކަންތައްތަކަށް ބަޖެޓް ކުރައްވާގޮތަށް ހަމަޖެހިފައިވާކަމަށްވެސް ރަމީޒް ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީގެ ސަރުކާރުން 2012 ވަނަ އަހަރު ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެއްސަވާފައި އޮތް ސާކް ވިޔަފާރި އާއި ޓޫރިޒަމް ފެއަރ އަށް ތައްޔާރުވުމުގެ ގޮތުން ކުޅުދުއްފުށީ އަލަށް ހިއްކި ސަރަހައްދު ތަރައްޤީކުރުމަށްޓަކައި އެސަރަޙައްދުގެ ލޭންޑް ސްކޭޕިންގެ މަސައްކަތްތައްވެސް ނިމިފައިވާކަމަށް ރަމީޒް ވިދާޅުވިއެވެ. އަދި އެ ފެއަރ އާއި ގުޅުވައިގެން މިހާރު މިސަރައްހައްދުގައި ބޭނުންކުރެވެމުންދާ ފެރީ ނިޒާމު ސްޕީޑް ފެރީއަށް ބަދަލުކުރުމަށްޓަކައި އެފަދަ އުޅަނދުފަހަރު ބަންނަ ޖަޕާނުގެ ކުންފުޏަކުން އެ ކައުންސިލާ ބައްދަލުކޮށް މައުލޫމާތު ހޯދާފައިވާކަމަށާއި، އެހެންނަމަވެސް މިހާރު ކަންތައްތައް ދިމާވެފައިވާ ގޮތުން އެ މަޝްރޫޢުތައް ހިންގޭނެކަމެއް ދަންނަވާކަށް ނޭނގޭކަމަށްވެސް ރަމީޒް ވިދާޅުވިއެވެ.
“މާލޭ ސިޓީ ކައުންސިލް ނޫނީ ހަގީގަތުގަ އަމިއްލައަށް ހިންގޭނެ އާމްދަނީއެއް ލިބޭ ކައުންސިލްއެއް ރާއްޖެއަކު ނެތް. އެހެންވީމަ ސަރުކާރުން ބަޖެޓް ސަޕޯޓް ނުލިބި ވަރަށް އުނދަގޫވާނެ (އެކަންކަން) ކުރަން. ދެން އަދި އަޅުގަނޑަކަށް މިހާރު ރޭވިފަހުރި ކަންތައްތައް ކުރެވޭނެ ނުކުރެވޭނެއެއް ނޭނގެ. ހަމަ ޔަޤީނުންވެސް މި ސިޔާސީ ހަލަބޮލިކަން ނައިސް ދިޔަނަމަ އެކަންތައްތައް ކާމިޔާބު ކުރާނަން. އެހަމަ ޔަޤީންކަމެއް.”
ރަމީޒް އިތުރަށް ވިދާޅުވިގޮތުގައި މި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އެންމެ ގެއްލުންވާނެ އެއް ރަށަކީ ކުޅުދުއްފުށި ކަމަށާއި، އެހެންނަމަވެސް މިހާރުގެ ސަރުކާރުން ވިޔަސް ކުޅުދުއްފުށީގެ ތަރައްޤީއަށް ކަމެއް ކޮށްދޭން އައިކަމުގައި ވާނަމަ، އެކަމަކަށް އެ ކައުންސިލުން %100 ތަރުހީބު ދޭނެކަމަށެވެ.
“ދެން މީގަ ޤަބޫލުކުރަންޖެހޭ ކަމަކީ ކުޅުދުއްފުޓަށް އަންނަ އެއްވެސް ތަރައްޤީއަކަށް ކުޅުދުއްފުށީ ކައުންސިލުން ހުރަހެއްނާޅާނެ. އެ ހެޔޮ އިނގިރޭސިވިލާތުން މީހެއްއައިސް ކަމެއްކޮށްދޭން އުޅުނަސް، ނޫނިއްޔާ ބާރަށުން މީހެއް އަޔަސް، ނޭކުރެންދޫން މީހެއް އައިސް ކަމެއްކުރަންވެސް ހަމަ ކައުންސިލުން ހަމަ އެކަމަށް %100 ސަޕޯޓް ދޭނަން.”
ކައުންސިލުން މިހެން ވިދާޅުވެފައި ވީނަމަވެސް، ފެބްރުއަރީ 7 ގައި އިސްތިއުފާ ދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވައްޓާލާފައިވަނީ ބަޣާވާތަކުން ކަމަށާއި އަދި މިހާރު އޮތް ސަރުކާރު ގަބޫލުނުކުރާނެ ކަމަށް ބުނެ އެ ކައުންސިލުން ވަނީ ބަޔާނެއްވެސް ނެރެފައެވެ.