އިބްރާހިމް ހަމީދު
ދިވެހިރާއްޖޭގައި މިހާރު އުފެދިފައިވާ ސަރުކާރަކީ ގާނުނީ ހަމަތަކުން އުފެދިފައިވާ ގައުމީ އެއްބައިވަންތަ ސަރުކާރެއް ކަމަށް ކުޅުދުއްފުށީ ޕީޕީއެމް ގޮފިން ބުނެފިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވައްޓާލާފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ބަގާވާތަކުން ކަމަށް ބުނެ ކުޅުދުއްފުށީ ކައުންސިލުން އިއްޔެ ނެރެފައިވާ ނޫސް ބަޔާނަށް ރައްދު ދެއްވާ ކުޅުދުއްފުށީ ޕީޕީއެމް ގޮފީގެ މެމްބަރު އިބްރާހީމް އަހުމަދު ވިދާޅުވީ، މިއަދު އުފެދިފައިވާ ސަރުކާރަކީ ގާނޫނީ ހަމަތަކުގެ މަތިން އުފެދިފައިވާ ގާނޫނީ ސަރުކާރެއް ކަމަށެވެ. މިސަރުކާރަކީ ގާނޫނީ ސަރުކާރެއްކަން ގާނޫނުއަސާސީގެ 112 ވަނަ މާއްދާގެ ހ އިން ފެށިގެން ދެން ހުރި މާއްދާތައް ކިޔާލުމުންވެސް އެކަން އެނގޭނެ ކަމަށް އިބްރާހީމް އަހުމަދު ވިދާޅުވި އެވެ.
އިބްރާހީމް އަހުމަދު ވިދާޅުވީ ޑރ ވަހީދުގެ ސަރުކާރަކީ ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް ކަމަށާއި އަދި މިސަރުކާރަށް ކުޅުދުއްފުށީގެ ގިނަ ރައްޔިތުން ތާއީދު ކުރައްވާ ކަމަށެވެ. ކުޅުދުއްފުށީ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނަކީ ކުޅުދުއްފުށީގެ ގިނަ ރައްޔިތުންގެ ޝުއޫރު ނޫން ކަމަށާއި ކުޅުދުއްފުށީ ރައްޔިތުން ތިބީ ޑރ ވަހީދުގެ ސަރުކާރާއެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިހާރު މާލެގައި ކުރިއަށްދާ މުޒާހަރާގައި ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ ވާހަކަދައްކަވަމުން، މިއިއްވަނީ ކުޅުދުއްފުށީގެ އެންމެހާ ރައްޔިތުންގެ ބަހޭ ބުނެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ އިބްރާހީމް އަހުމަދު ވިދާޅުވީ، އަބްދުލްގަފޫރު މަޖިލިސް މެމްބަރު ކަމުގެ މަގާމަށް ހޮވާފައިވަނީ ކުޅުދުއްފުށީގެ ޑީއާރުޕީއަށް ތާއީދުކުރާ މީހުން ވޯޓުލައިގެން ކަމަށެވެ. އެއީ އެމްޑީޕީގެ މެމްބަރުން ވޯޓްލައިގެން އެމަގާމަށް ހޮވާފައިވާ ބޭފުޅެއް ނޫން ކަމަށާއި އިތުރު ދައުރަކަށް އެގޮނޑިއަށް ވާދަކޮށްގެން އިންތިހާބު ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ޕީޕީއެމް ގޮފީ މެމްބަރު އިބްރާހީމް އަހުމަދު ވިދާޅުވީ ކުޅުދުއްފުށީ ކައުންސިލުން ނެރޭ ނޫސްބަޔާންތަކަކީ މަދު ބައެއްގެ ނިންމުންތަކެއްގެ މައްޗަށް ބިނާކޮށް ނެރޭ ނޫސްބަޔާންތަކެއް ކަމަށެވެ. އަދި ކުޅުދުއްފުށީގެ ތަރައްޤީއަށް ވޭތުވެދިޔަ 3 އަހަރު ތެރޭގައި ކުޅުދުއްފުށީ ކައުންސިލުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި ކޮންމެ ސަރުކާރެއް އޮތަސް ކައުންސިލުގެ މަސައްކަތަކަށް ވާންޖެހޭނީ އެއިރެއްގައި އޮތް ސަރުކާރަކާއެކީ މަސައްކަތްކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އިބްރާހީމް އަހުމަދު ވިދާޅުވި އެވެ.