މުޅި ރާއްޖެ އަށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ރާއްޖެ ޓީވީ އަށް މިއަދު ދީފި އެވެ.
ރާއްޖެ ޓީވީގެ ހިދުމަތް މުޅި ރާއްޖެ އަށް ދެވޭގޮތަށް އެ ފަރާތުގެ ބްރޯޑްކާސްޓިން ލައިސަންސް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ފުޅާކޮށްދީފައިވަނީ އެކަމަށް އެދި ރާއްޖެ ޓިވީން ހުށަހެޅުމުން ކަމަށް އެމްބީސީން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވެއެވެ.
އެކޮމިޝަނުން ބުނެފައިވަނީ ރާއްޖެ ޓީވީން ހުށަހެޅި ހުށަހެޅުންތަކަށް ބެލުމަށްފަހު ބްރޯޑްކާސްޓުކުރުމުގެ ގާނޫނުން ބްރޯޑްކާސްޓް ކުރުމުގެ ސިޔާސަތު ފުޅާކުރުމުގެ ގޮތުން ލައިސަންސް ދޫކުރުމުގައި ކަނޑައަޅައިފައިވާ ޝަރުތުތަކަށް ބަދަލު ގެނައުމުގެ އިހުތިޔާ އެކޮމިޝަނަށް ލިބިދީފައިވާ ކަމަށެވެ.
“ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު: (2010/16) ގެ 2 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން، ގާނޫނުގެ ތަރަހައިގެ ތެރޭގައި، ޚަބަރާއި މައުލޫމާތު ފެތުރުމުގައި އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކަށް ބައިވެރިވެވޭނެ ގޮތް ހަމަޖައްސައިދިނުމާއި، ތަފާތު ބާވަތްތަކުގެ ޚިޔާލުތަކަށާއި ތަފާތު ވިސްނުންތަކަށް ފުރުޞަތު ލިބޭނެ ގޮތް ހަމަޖައްސައިދިނުމަކީ ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތު އެކަށައަޅައި ތަރަށްޤީކޮށް ހިންގުމަށްޓަކައި ކުރަންޖެހޭ ކަމަކަށްވެފައި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތު ފުޅާކުރުމުގެ ގޮތުން ލައިސަންސް ދޫކުރުމުގައި ކަނޑައަޅައިފައިވާ ޝަރުތުތަކަށް ބަދަލު ގެނައުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިދީފައިވާތީ، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލައިސަންސްގެ ދާއިރާ، 20 ފެބްރުއަރީ 2012 އިން ފެށިގެން މުޅި ރާއްޖެއަށް” ފުޅާކޮށްދީފައިވާ ކަމަށެވެ.
މުޅި ރާއްޖެއަށް ބްރޯޑްކާސްޓުކުރުމުގެ ހުއްދަ މިއަދު ރާއްޖެ ޓީވީ އަށް ދީފައިވާތީ، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކަށް ރާއްޖެ ޓީވީގެ ޚިދުމަތް ދޭ ފަރާތްތަކުން އެ ޚިދުމަތް ހުއްޓާލުމަށް އެ ކޮމިޝަނުން ކޮށްފައިވާ އިއުލާން ބާތިލްކޮށްފައިވާ ކަމަށް ވެސް އެކޮމިޝަނުން ވެސް ވަނީ ބުނެފައި އެވެ.