.
އިބްރާހިމް ހަމީދު
އަތޮޅުގެ ތަރައްޤީއަށް މަސައްކަތް ކުރެވޭނީ ކޮންމެ ސަރުކާރެއް އައި ކަމުގައި ވިޔަސް އެސަރުކާރަކާ ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ޤާސިމް ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ އޮންލައިނަށް ދެއްވި އިންޓަވިޔުއެއްގައި އަތޮޅު ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ގާސިމް ވިދާޅުވީ އަތޮޅުގެ ތަރައްޤީ އަށް މަސައްކަތްކުރެވޭނީ އެއިރެއްގައި އެ އޮންނަ ސަރުކާރަކާ ގުޅިގެން ކަމަށެވެ.
ބައެއް ކައުންސިލްތަކުން މިހާރު އޮތް ސަރުކާރު ގަބޫލުނުކުރާ ކަމަށް ބުނެ ބަޔާންތައް ނެރެމުންދާ މިދަނޑިވަޅުގައި ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ ބަދަލުވުމާ ގުޅިގެން އެކައުންސިލުން ވަކި ގޮތަކަށް އަމަލު ކުރުމަށް ގަރާރެއް ފާސްކޮށް ނުވަތަ ނޫސްބަޔާނެއް ނެރުން ފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
މުހައްމަދު ގާސިމް ވިދާޅުވީ ރައްޔިތުންނާއި ގުޅިގެން ހިންގޭ ހުރިހާ މުއާމަލާތްތައް ދައުލަތުގެ މުއައްސަސާތަކާއި ގުޅިގެން ކުރިންވެސް ކުރަމުން އައި ގޮތަށް މިހާރުވެސް ކުރިއަށް ގެންދަމުންދާ ކަމަށެވެ.
“ރައްޔިތުންނާއި އަތޮޅުގެ ތަރައްގީއަށް ކުރަންޖެހޭ މަސައްކަތްތަކުގައި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާއި ގުޅެންޖެހޭ އެހެން ފަރާތްތަކާ ގުޅިގެން އަޅުގަނޑުމެން ކައުންސިލުން މަސައްކަތް ކުރާނަން. ގައުމާއި ރައްޔިތުންނާއި އަތޮޅުގެ ތަރައްގީއަށް ކުރަންޖެހުނު ކަމެއް ކައުންސިލުން ކުރާނެ” ނައިބު ރައީސް މުހައްމަދު ގާސިމް ވިދާޅުވިއެވެ.
ސަރުކާރު ބަދަލުވުމާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލުން ދާދި ފަހުން ނެރެނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެކައުންސިލުން މިހާރުގެ ސަރުކާރު ބަލައިނުގަންނަ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ކުޅުދުއްފުށީގެ ތަރައްޤީއަށްޓަކައި ކުރާ ކަންކަމުގައި ހުރަސް ނާޅާނެ ކަމަށް ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ވަނީ ވިދާޅުވެފައި އެވެ.