އިބްރާހިމް ހަމީދު
ތޭވީސް ޑިސެމްބަރ އިއްތިހާދުން އިންތިޒާމު ކޮށްގެން މާދަމާ މާލޭގައި ބާއްވާ ބޮޑު މަހާސިންތާގައި ބައިވެރިވުމަށް ކުޅުދުއްފުއްޓާއި ތިލަދުންމަތީގެ އެހެން ބައެއް ރަށްރަށުގެ ގިނަ އަދަދެއްގެ މީހުންނާއެކު ބާދުސާހު ބޯޓު މިރޭ އިރާކޮޅު ކުޅުދުއްފުށިން ފުރައިފި އެވެ.
”ގާނޫނު އަސާސީ ނެގެހެއްޓުމާއި ގާނޫނީ ވެރިކަން ދެމެހެއްޓުން” މިނަމުގައި މާދަމާ ހަވީރު މާލޭގައި ފަށާ މިމަހާސިންތާގެ ދަތުރު އިންތިޒާމުކުރުމަށް ކުޅުދުއްފުށީގައި ހަރަކާތްތެރިވާ މުހައްމަދު އަބްދުއްރައްޒާގު ވިދާޅުވީ މަހާސިންތާގައި ބައިވެރިވުމަށް ކުޅުދުއްފުއްޓާއި ތިލަދުންމަތީގެ އެހެން ރަށްރަށުން ގިނަ އަދަދަކަށް މީހުން ނަން ނޯޓު ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް ބާދުސާހު ބޯޓުގެ ޖާގަ އޮތީ 250 މީހުންނަށް ކަމަށެވެ. މުހައްމަދު އަބްދުއްރައްޒާގު ވިދާޅުވީ އެއަދަދަށް އެބޯޓުން މާލެއަށް މީހުންދާ ކަމަށެވެ.
ކުޅުދުއްފުށީ ބާދުސާހު ބޯޓު މިރޭ ފުރާފައިވާ އިރު ބޮޑު ތިލަދުންމަތީގެ އެހެން ރަށްރަށުން ވެސް މާލެއަށް މީހުންދާކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިރޭ ފުރި ބާދުސާހު ބޯޓުގައި ކުޅުދުއްފުށީގެ އިތުރުން ހދ ނާވައިދޫ، ފިނޭ، ކުރިނބީ، ނެއްލައިދޫ، ނޮޅިވަރަމް، ނޮޅިވަރަންފަރު އަދި ހއ ބާރަށުގެ މީހުންވެސް އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިބޯޓު އެނބުރި ކުޅުދުއްފުއްޓަށް އައުމަށް މާދަމާރޭގެ ވަގުތެއްގައި މާލެއިން ފުރާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
ތޭވީސް ޑިސެމްބަރު އިއްތިހާދުން ރާވާ މިމަހާސިންތާއަކީ މިހާރުގެ ސަރުކާރަށް ރައްޔިތުންގެ ތާއީދު އޮތްވަރު ދައްކުވައިދީ ގާނޫނުއަސާސީ ދަމަހައްޓަން ކުރަމުންދާ މަސައްކަތަށް އިތުރަށް ހިތްވަރު ދިނުމަށް ބާއްވާ މަހާސިންތާއެއް ކަމަށް އެއިއްތިހާދުން ވަނީ ބުނެފައެވެ.