އިބްރާހިމް ހަމީދު
އެމްޑީޕީގެ ހަރަކާތްތައް ވަރުގަދަ ކުރުމުގެ ގޮތުން ކުޅުދުއްފުށީ އެމްޑީޕީ ގޮފިން އިންތިޒާމުކޮށްގެން ބައްދަލުވުމެއް ބާއްވައިފި އެވެ.
ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ބޭއްވި މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ އެމްޑީޕީގެ އިސް ފަރާތެއް ކަމުގައިވާ ހދ އަތޮޅު ކައުންސިލުގެ މެމްބަރ އަލީ މުހައްމަދު ވިދާޅުވީ، ބަލާލި ކޮންމެ ދިމާލަކުންވެސް އެމްޑީޕީގެ ސަރުކާރުން ކުރި ފޮނި އުއްމީދުތައް ފެންނަން އެބަހުރި ކަމަށެވެ.
“ބަލާލި ކޮންމެ ދިމާލަކުން ކުރި ފޮނި އުއްމީދުތައް ފެންނަން އެބަހުރި. ކުޅުދުއްފުށީ ފަޅަށް ބަލާލިއަސް ފަސްގަނޑަށް ބަލާލިއަސް އަޅަން ފަށާފައި ހުރި ފުލެޓްތަކަށް ބަލަލިއަސް މަސައްކަތް ފެންނަ އެބަހުރި. މިއިން އެއްވެސް ކަމެއް ހުއްޓާލިއަކަ ނުދޭނަން.” އަލީ މުހައްމަދު ވިދާޅުވި އެވެ.
އަލީ މުހައްމަދު ވިދާޅުވީ އެމްޑީޕީގެ އޯގާތެރި ސަރުކާރު އަލުން އަނބުރައި ރައްޔިތުންނަށް ހިދުމަތް ކުރާ މަންޒަރު ފެންނާނެ ކަމަށެވެ. ހިތުގައި ވިންދުޖަހާހާ ހިނދަކު އެންމެ ތަންފުކެއްވެސް ދޫނުދެއްވާ ދިވެހިން އެދޭ އަނެއް ދިވެހިރާއްޖެއަށް ގެންގޮސް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
“އިހުލާސްތެރިކަމާއެކު ވޯޓު ލައިގެން ހޯދި ލޯބިވެތި ސަރުކާރު ވަކި ހިސާބަކުން މަޖުބޫރީ ހާލަތެއް މެދުވެރި ކުރުވައިގެން އިދިކޮޅު ފަރާތްތަކުން އަޅުގަނޑުމެންނާއި ވަކިކޮށްލި ކަމުގައިވިއަސް ހިތުގައި ވިންދުޖަހާ ހިނދަކު އެންމެ ތަންފުކެއްވެސް ދޫނުދޭނަން.” އަލީ މުހައްމަދު ވިދާޅުވިއެވެ. “މިއެދޭ މަންޒިލަށް އަނެއްދިވެހިރާއްޖެއަށް ގޮސް އެދިވެހިރާއްޖޭގެ ފޮނިމީރުކަން ނުލިބެނީސް ހުއްޓައެއް ނުލާނަން.”
ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ މެމްބަރު އާދަމް ޝަރީފް ވަނީ އެމްޑީޕީއަށް ނިސްބަތްވާ ހދ އަތޮޅު ކައުންސިލް މެމްބަރު އަދި އެމްޑީޕީގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައީސް އާދަމް ވަހީދަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައި އެވެ. އޭނާގެ ވާހަކައިގައި އެމްޑީޕީން ވާދަކޮށްގެން ކައުންސިލްގެ މެމްބަރުކަން ލިބުނު ބައެއް ބޭފުޅުން ތަފާތު ފިކުރުތަކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައީސް ކައުންސިލަރު ކަމުގެ މަގާމުން ވަކި ކުރުމާމެދު ވެސް އާދަމް ޝަރީފް ރޭ ވަނީ ވާހަކަ ދައްކަވާފައި އެވެ. އެގޮތުން އާދަމް ވަހީދު އެމަގާމުން ވަކިކުރެވިދާނެ ދެގޮތެއް އެބައޮތްކަމަށް ވިދާޅުވި އެވެ.
ރޭ އެމްޑީޕީން ބޭއްވި ބައްދަލުވުން ނިންމާލާފައިވަނީ މަގުތަކަށް ނިކުމެ ބައްދަލުވުމަށް ހާޒިރުވީ މީހުން ހިނގާލުމެއް ބޭއްވުމަށް ފަހު އެވެ.