އިބްރާހިމް ހަމީދު
ހދ އަތޮޅު ކައުންސިލުގެ މެޖޯރިޓީން ޑރ ވަހީދުގެ ސަރުކާރު ބަލައިގަނެ އާ ސަރުކާރަށް މަރުހަބާ ކިޔާފައިވަނިކޮށް، މިހާރު ހިނގަމުންދާ ސަރުކާރަކީ ބަގާވާތުގެ ސަރުކާރެއް ކަމަށް ވިދާޅުވެ މިސަރުކާރު ގަބޫލުނުކުރާނެ ކަމަށް ހދ އަތޮޅު ކައުންސިލުގެ ރައީސް ވިދާޅުވެއްޖެ އެވެ.
ހދ އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ޝުކޫރު މިހެން ވިދާޅުވެފައި ވަނީ ރޭ ކުޅުދުއްފުށީގައި ބޭއްވި އެމްޑީޕީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ޝުކޫރުގެ ވާހަކައިގައި ބާގީ ވެފައިވަނީ ހަމައެކަނި ޑރ ވަހީދު ނޫންކަމަށާއި ސިފައިންގެ އިސް އޮފިސަރުންނާއި ވިޔަފާރިވެރިންގެ އިތުރުން މިނިސްޓަރުން ވެސް ހިމެނޭކަމަށް ވިދާޅުވި އެވެ. އަދި ބާޣީން ބަލިކޮށް އިންތިހާބަކާ ކުރިމަތިލާ އެއިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝުކޫރު ވިދާޅުވީ، އެމްޑީޕީގެ މެނިފެސްޓޯގައިވާ ކަންތައްތައް ހާސިލުވެފައިވާ ކަމަށާއި ބަޔަކު ފައިސާގެ ނުފޫޒު ބޭނުންކޮށްގެން ސަރުކާރު ވައްޓާލި ވައްޓާލުން ކުށްވެރި ކުރައްވާ ކަަމަށެވެ. އެމްޑީޕީގެ އެބައްދަލުވުމަށް ގޮސް ތިބި އާންމުންނާ މުހާތަބު ކުރައްވާ އަތޮޅު ކައުންސިލުގެ ރައީސް ވިދާޅުވީ، އެއީ ޝަރަފުވެރި ބޭފުޅުން ކަމަށެވެ. އެއީ މިނިވަން ފިކުރަށް ތާއީދުކުރާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
“މިނިވަން ފިކުރު ކުޅުދުއްފުށިން ވެސް އަދި ދިވެހިރާއްޖޭން ވެސް ފުހެވިގެން ނުދާނެ” ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ މިހާރު ރައީސަކީ ގ. ކެނެރީގޭ މުހައްމަދު ނަޝީދު ކަމަށާއި ނަޝީދު ހޯމަދުވަހު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާތީ މަރުހަބާ ދެއްނެވުމަށް ދިއުމަށް ޕާޓީގެ މެމްބަރުންނަށް ޝުކޫރު ގޮވާލެއްވި އެވެ.
ހދ އަތޮޅު ކައުންސިލުގެ ރައީސް މިސަރުކާރު ގަބޫލުނުކުރާނެ ކަމަށް ވިދާޅުވެފައި މިވަނީ، ޑރ. ވަހީދުގެ ސަރުކާރު ބަލައިގަނެ ޑރ ވަހީދުގެ ސަރުކާރަށް ހދ އަތޮޅު ކައުންސިލުން މަރުހަބާ ކިޔާފައިވާ ދަނޑިވަޅެއްގައި އެވެ. އަދި، އެމްޑީޕީގެ ނިންމުމާ ހިލާފަށް މިހާރުގެ ސަރުކާރަށް ތާއީދު ކުރާ ފަރާތްތައް ޕާޓީން ވަކިކުރާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން ދެއްވާފައިވާ ދަނޑިވަޅެއްގައި ވެސް މެއެވެ.