އިންސާފުގެ ދަތުރުގެ ނަމުގައި އެމްޑީޕީން ކުޅުދުއްފުށީގައި ޖަލްސާއެއް ބާއްވައިފިއެވެ.
އެމްޑީޕީން ބޮޑުތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގެން، ރޭ ޖަލާލުއްދީން ސްކޫލުގައި އެޕާޓީން ބޭއްވި ޖަލަސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީީ ކުޅުދުއްފުށީ ކައުންސިލުން މިސަރުކާރު ބަލައިނުގަތުމަށް ގޮވާލާފައި އެވެ. އަދި ކައުންސިލުން އެއްވެސް ކަމެއްގައި ފަހަތަށް ނުޖެހުމަށް އެދިވަޑައިގަތެވެ.
“ކުޅުދުއްފުށީ ކައުންސިލްގެ ހިންގުންވެސް އަދި ކައުންސިލްގެ ތެދުވުންވެސް ކުޅުދުއްފުށީ ރައްޔިތުންގެ ހިމާޔަތުގައި ގަދަ އަޑުން އޮންނަންޖެހޭނެ” ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ކުޅުދުއްފުށީގެ އަމަން އަމާންކަން ބަލަހައްޓާނީ ގާނޫނީ ގޮތުން ކައުންސިލުން ކަމަށާއި ފުލުހުން ނޫން ކަމަށް ވިދާޅުވިއެވެ.
“ކުޅުދުއްފުށީގެ އަމަން އަމާންކަން ބަލަހައްޓަނީ ގާނޫނީ ގޮތުން ކުޅުދުއްފުށީ ކައުންސިލުން. ފުލުހުންނެއް ނޫން.” ނަޝީދު ވިދާޅުވިއެވެ. “ފުލުހުން އެހީތެރިވެދޭން ޖެހޭނީ ކުޅުދުއްފުށީ ކައުންސިލަށް”
މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ވާހަކަ ދެއްކެވިއެވެ. ކުޅުދުއްފުށީގެ ރައްޔިތުންގެ ބަޔަކާއި އަތޮޅު ތެރޭގެ އެކިރަށްރަށުން ނަޝީދާެއެކު ކުޅުދުއްފުއްޓައް އައި މީހުންނާއެކު ރޭ ޖަލާލުއްދީން ސްކޫލު ހޯލުގައި ބޭއްވި ޖަލްސާގައި މިހާރުގެ ސަރުކާރަށާއި ފުލުހުންނާއި ސިފައިންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ.