އިބްރާހިމް ހަމީދު
ކުޅުދުއްފުށީ އަމީނީމަގު ހެދުމުގެ މަސައްކަތް ހުއްޓާލަން ސަރުކާރުން އަންގާފައި ނުވާކަމަށް އެމަގު ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފި އެވެ.
ސަރުކާރު ބަދަލުވުމާ ގުޅިގެން ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތާމެދު ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުންދާތީ، ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ޖެނެރަލް މެނޭޖަރ އިމްތިޔާޒް ވިދާޅުވީ ކުޅުދުއްފުށީގައި އެކުންފުނީގެ ފަރާތުން ކުރަމުން އަންނަ މަސައްކަތެއް ހުއްޓާލުމަށް ސަރުކާރުން އަންގާފައި ނުވާކަމަށެވެ. އަދި ސަރުކާރު ބަދަލުވުމަކުން އަމީނީމަގުގެ މަސައްކަތް ހުއްޓިގެން ނުދާނެ ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.
އިމްތިޔާޒު ވިދާޅުވީ ކުރީ ސަރުކާރުން އެކުންފުންޏާ ހަވާލުކޮށްފައިވަނީ ހަމައެކަނި އަމީނީމަގު ހެދުމުގެ މަސައްކަތް ކަމަށެވެ. އަދި އަމީނީމަގުގެ ޕޭވްމަންޓްގެ ބޮޑުބައެއް ނިމިފައިވުމާއެކު އެކުންފުނީ ބައެއް މުވައްޒަފުން މަދުކުރަން ނިންމާފައިވާ ކަމަަށް އޭނާ ވިދާޅުވި އެވެ.
“ކުޅުދުއްފުށީ އަމީނީމަގުގެ ޕޭވްމަންޓްގެ ބޮޑު ބައެއް މިވަގުތު ނިމިފައިވުމާއެކު ކުޅުދުއްފުށީގެ އިތުރު މަޝްރޫއެއް މިވަގުތަށް ކުންފުނިން ކުރަން ނެތުމުގެ ސަބަބުން ކުންފުނީގެ ރޫލް އާ އެއްގޮތަށް މުވައްޒަފުން މަދުކުރުމަށް 9 މީހަކަށް އެއް މަސްދުވަހުގެ ނޯޓިސް އެއް ދީފައިވާނެ. އަދި އިތުރު މުވައްޒަފުންނަށް ވެސް ނޯޓިސްދޭނެ” އިމްތިޔާޒް ވިދާޅުވިއެވެ.
އިމްތިޔާޒު ވިދާޅުވީ ކުޅުދުއްފުށީގައި މަސައްކަތް ކުރުމަށް އެކުންފުންޏަށް މުވައްޒަފުން ނަގާފައިވަނީ ކޮންޓްރެކްޓް އުޞޫލުން ކަމަށާއި އެކުންފުންޏަށް ކުޅުދުއްފުށިން އިތުރު ޕުރޮޖެކްޓެއް ލިބިއްޖެނަމަ އެކުންފުނީގައި ކުރިން މަސައްކަތް ކޮށްފައިވާ މުވައްޒަފުންނަށް އިސްކަން ދޭނެ ކަމަށެވެ.
އަމީނީމަގުގައި އެތުރުމަށް ބޭނުންވާ ގައު ގެނައުމަށް ބިޑް ހުޅުވާލުމުން 4 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެހެންނަމަވެސް ކުރީ ސަރުކާރު ނިމިގެން ދިޔައިރުވެސް ބިޑް އެވޯޑް ކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގައު ލިބޭތާ ތިން މަސްދުވަހުގެ ތެރޭގައި ގައު އެތުރުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.
ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު ހުސްވި މަހުގެ ފަހުކޮޅު ކުރީގެ ރައީސް ނަޝީދު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އަމީނީމަގުން ހިންގަވަމުން އެމަގުގެ މަސައްކަތް އަވަސްކުރުމަށް ގޮވާލާ ޝުއޫރު ފާޅުކޮށްފައި އެވެ.
ކުޅުދުއްފުށީގެ އަމީނީމަގު ރަނގަޅު ފެންވަރަކަށް ހަދައިދިނުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2011 ވަނަ އަހަރު އެވެ.