އިބްރާހިމް ހަމީދު
ނޫމަޑި ކުންފުނީގެ ފަރާތުން ކުޅުދުއްފުށީގައި އަޅަމުންދާ ރޯހައުސްތަކުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށްދާ ކަމަށް އެކުންފުނީގެ ކޮންޓްރެކްޓަރ އައިލެންޑް އެކްސްޕާރޓުން ބުނެފި އެވެ.
ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން އެކުންފުނީގެ ކޮންޓްރެކްޓަރ އައިލެންޑް އެކްސްޕާރޓްގެ ސީއީއޯ އަނާން ވިދާޅުވީ އެކުންފުނިން ކުޅުދުއްފުށީގައި ފަށާފައިވާ ރޯހައުސްތައް އެޅުމުގެ އެއްވެސް މަސައްކަތެއް ހުއްޓުމަކަށް ނާންނަ ކަމަށާއި ހައުސިން މިނިސްޓްރީގެ ސަޕޯރޓް މިހާރުވެސް ލިބެމުން އަންނަ ކަމަށެވެ.
“ކުޅުދުއްފުށީ ގެ ހަސަނާތު މިސްކިތުގެ އިރުމަތިން މިދިޔަ އަހަރު ފަށާފައިވާ 40 ރޯހައުސް ގެ ކޮންކުރީޓް މަސައްކަތް ނިމި މިހާރު ކުރިއަށްދަނީ ފިނިޝިންގެ މަސައްކަތް” އަނާން ވިދާޅުވި އެވެ.
އަދި ކުޅުދުއްފުށީ ހުޅަނގު ފަރާތު ހިއްކި ބިމުގައި އެކުންފުނިން އަޅަން ހަމަޖެހިފައިވާ 100 ރޯހައުސްގެ ތެރެއިން 80 ރޯހައުސްގެ ކޮންކުރީޓް މަސައްކަތް ނިމިފައިވާ ކަމަށާއި އެކުންފުނިން ހަނިމާދޫގައި އަޅަމުންދާ ރޯހައުސްގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށްދާ އައިލެންޑް އެކްސްޕާޓް ގެ ސީއީއޯ ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނިމުގެ މަޝްރޫޢުގެ ތެރެއިން ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ ރޯހައުސްތަކުގެ މަސްކަތް ފަަށާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ކުއްލި ގޮތަކަށް ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ކުޅުދުއްފުށީގައި ކުރިއަށްދާ ބައެއް މަޝްރޫއުތަކަށް ހުއްޓުމެއް އަތުވެދާނެކަމަށް ބުނެ ބައެއް ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.