އިބްރާހިމް ހަމީދު
އެމްޑީޕީގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައީސް އާދަމް ވަހީދު އެމްޑީޕީން ވަކިކުރުމަށް ޕެޓިޝަނެއް ތައްޔާރުކުރަމުންދާ ކަމަށް އެޕާޓީން ބުނެފި އެވެ.
ކުޅުދުއްފުށީ އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ނައިބު ރައީސް އަދި ހދ އަތޮޅު ކައުންސިލުގެ މެމްބަރު އަލީ މުހައްމަދު ވިދާޅުވީ ދެކުނުދާއިރާގެ ރައީސް އާދަމް ވަހީދު އެޕާޓީގެ މެމްބަރު ކަމުން ވަކިކުރުމަށް އެޕާޓީގެ ފަރާތުން ޕެޓިޝަނެއް ތައްޔާރުކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އާދަމް ވަހީދުގެ ފަރާތުން އެޕާޓީއަށް އެއްބާރުލުން ލިބެމުން ނުދާ ކަމަށެވެ.
“ޕާޓީގެ އަސާސީ ގަވައިދު ބުނާގޮތުންވެސް މެމްބަރުން ނިންމާ ނިންމުމަށް ބަހެއް ނުކިޔޭނެ. ޕާޓީގެ މެމްބަރުން ޕެޓިޝަން ހެދުމަށް ފަހު މާލޭގެ އެމްޑީޕީ މައްސަލަ ބަލާ ކޮމެޓީއަށް ފޮނުވައިގެން އެކޮމެޓީން ނިންމާ ގޮތަކަށް ނިމިގެންދާނެ.” އެމްޑީޕީގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ނައިބު ރައީސް އަލީ މުހައްމަދު ވިދާޅުވި އެވެ.
އަލީ މުހައްމަދު ވިދާޅުވީ ޕެޓިޝަން މާލެ ފޮނުވި ކަމެއް ނުވަތަ ނުފޮނުވާކަމެއް ވެސް އެނގި ނުލައްވާ ކަމަށެވެ.
ޕާޓީއަށް އެއްބާރުލުން ނުދެއްވާކަމަށް ބުނެ ދެކުނުދާއިރާގެ ރައީސް ޕާޓީން ވަކިކުރުމަށް އިސްކޮށް ހަރަކާތް ތެރިވާ އެޕާޓީގެ މެމްބަރު ހުސެއިން އާދަމް ވިދާޅުވީ މިހާރުވެސް ޕާޓީގެ 150 މީހުންގެ ސޮއި ލިބިފައިވާ ކަމަށާއި އަދިވެސް އިތުރު މީހުންގެ ސޮއި ލިބޭނެ ކަމަށެވެ.
މިކަމާބެހޭ ގޮތުން އެމްޑީޕީގެ ކުޅުދުއްފުށީ ދެކުނުދާއިރާގެ ރައީސް އަދި ހދ އަތޮޅު ކައުންސިލުގެ މެމްބަރު އާދަމް ވަހީދު ވިދާޅުވީ، މިވަގުތު ކޮމެންޓެއް ދެއްވަން ބޭނުންވެ ނުލައްވާ ކަމަށާއި އެހެންނަމަވެސް ވަރަށް އަވަހަށް މިމައްސަލައާ ބެހޭގޮތުން މީޑިޔާއަށް މައުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ.
އެމްޑީޕީި ޕާޓީއެއްގެ ގޮތުގައި ކުޅުދުއްފުށީގައި ފައްޓައި ޕާޓީ ކުރިއަރުވާ ޕާޓީގެ އަސާސްތައް ނަގަހައްޓާ ހެދުމުގައި ކުޅުދުއްފުށީގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ އާދަމް ވަހީދު ކަމަށް ކުޅުދުއްފުށީ އެމްޑީޕީގެ ބައެއް މެމްބަރުން ބުނެއެވެ. އާދަމް ވަހީދަކީ ހދ އަތޮޅު ކައުންސިލުގެ އެންމެ ފުރަތަމަ ރައީސް ވެސް މެއެވެ. ޕާޓީ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަކާ ގުޅިގެން އެމަގާމުން އޭނާ ވަކިކޮށްފައި ވަނީ ވެސް އެމްޑީޕީގެ ކައުންސިލަރުން އިސްވެތިބެ އެވެ.