.
މާރޗް މަހުގެ 20 ވަނަ ދުވަހު އެގްރިމެންޓުގައި ސޮއި ކުރުމަށް ކުރިން ކަނޑައަޅާފައި އޮތް، ހަނިމާދޫ އެއާޕޯޓް ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވަގުތީ ގޮތުން ހޯލްޑް ކުރެވިފައިވާ ކަމަށް އެކޮނޮމިކް މިނިސްޓްރީ އިން މަޢުލޫމާތު ދީފިއެވެ.
މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް ގެ އޮފިޝަލެއް ކުޅުދުއްފުށީ އޮންލައިން އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ބިޑް ހުށަހެޅުމުގެ ސުން ގަޑި ފެބްރުއަރީ 28 ވަނަ ދުވަހު ހަމަވެފައި ވާކަމަށާއި، ނަމަވެސް އެފަރާތްތަކަށް ޖަވާބެއް ނުދީ ލަސްވަމުން ދަނީ އެމަސައްކަތް ވަގުތީ ގޮތުން ހޯލްޑް ކުރުމަށް މިނިސްޓަރ އަންގަވާފައި ވާތީއެވެ. ޕްރޮޖެކްޓް ވަގުތީ ގޮތުން ހޯލްޑް ކުރެވިފައިވަނީ އެ ޕްރޮޖެކްޓާއި ގުޅޭ ޑޮކިއުމަންޓްތަކާއި، ފީސިބިލިޓީ ސްޓަޑީތައް އިތުރަށް ދިރާސާ ކުރުމަށް އަލަށް ހަވާލުވި މިނިސްޓަރ ބޭނުންވެލައްވާތީ ކަމަށް އެމިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ފުރުސަތު ހުޅުވާލުމުން 19 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. އޭގެތެރެއިން ޝޯޓްލިސްޓު ކުރެވިގެން ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 8 ފަރާތަކަށެވެ. ޝޯޓު ލިސްޓް ކުރި ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިޔާ، ތުރުކީ ވިލާތާއި އެމެރިކާ އަދި އިނގިރޭސިވިލާތުގެ ކުންފުނިތައް ހިމެނެ އެވެ. އޭގެ އިތުރުން ސިންގަޕޫރުގެ ކުންފުންޏަކާއި ތައިލެންޑްގެ ކުންފުންޏެއް ހިއްސާވާ ކޮންސޯޓިއަމްއަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ކުރިން އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދެއްވާފައި ވެއެވެ.
ފެބްރުއަރީ މަހުގެ ތެރޭގައި ސަރުކާރު ބަދަލުވުމާއި ގުޅިގެން ކުރީގެ ސަރުކާރުން ރާވާފައި ހުރި މިފަދަ ބޮޑެތި ޕްރޮޖެކްޓްތަކަށް ވާނީ ކިހިނެތް ކަމާމެދު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ބައެއް ޕުރޮޖެކްޓްތައް ކުރީގެ ސަރުކާރުން ދީފައި ހުރީ އެއްވެސް ހަމައަކުން ނޫންކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ބުނަމުން ނެވެ. އަދި އެފަދަ ޕުރޮޖެކްޓްތައް ހަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށްވެސް ސަރުކާރަށް ތާއީދުކުރާ ޕާޓީތަކުން ބުނެއެވެ.