.
– މާރިޔާދީދީ އަށާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ގަފޫރަށް ފާޑުވިދާޅުވި.
– އެކްޓިވިސްޓް ހުސެއިން އާދަމް އަށް ރަށްވެހިގެ ދީފައިވަނީ ކޮރަޕްޝަނަށް މަގުފަހި ވާގޮތަށްކަމަށް ތުހުމަތު ކުރި.
އިބްރާހިމް ހަމީދު
އެމްޑީޕީގެ މެމްބަރު ކަމުން ވަކިކުރުމަށް ކުޅުދުއްފުށީގެ އެމްޑީޕީ މެމްބަރުން ޕެޓިޝަން ތައްޔާރު ކުރިކަމުގައި ވިޔަސް، އެކަމާ ކަންބޮޑު ނުވާކަމަށް ކުޅުދުއްފުށީ އެމްޑީޕީ ދެކުނު ދާއިރާގެ ރައީސް އާދަމް ވަހީދު ވިދާޅުވެ، އެކަން ކުރާ ފަރާތްތަކަށާއި އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީ އޮންލައިނަށް ދެއްވި ހާއްސަ އިންޓަވިއު އެއްގައި އެމްޑީޕީ ހދ. އަތޮޅު ކައުންސިލްގެ މެމްބަރު ކަންވެސް ކުރައްވަމުން ގެންދަވާ އާދަމް ވަހީދު ވިދާޅުވީ، ޕާޓީން ވަކިކުރުމަށް ޕެޓިޝަން ތައްޔާރު ކުރިއަސް ކަންބޮޑު ނުވާކަމަށާއި ކުޅުދުއްފުށީގެ އެމްޑީޕީގައި ސިޔާސީ ގޮތުން މިހާރު އިސްކޮށް ތިބި ހުރިހާ ފަރާތްތަކަކަށް އެފުރުސަތު ތައް ހޯދުމުގައި ލިބިފައިވާނެ އެހީތެރިކަމުގެ 90 ޕަސެންޓް ހިއްސާ ކުރަނީ އޭނާ ކަމަށެވެ.
“ނިމި ދިޔަ ކައުންސިލް އިންތިހާބުގައި އެބޭފުޅުން އިންތިހާބުގެ ކަންތަކަށް ބޭނުން ކުރުމަށް 24 ގަޑިއިރަށް ދެމަސް ދުވަސް ވަންދެން ޕިކަޕާއި އިންތިހާބުގެ ކަންތައްތައް ބެލެހެއްޓުމަށް އޮފީހެއްވެސް ދިނިން. އެއީ އަޅުގަނޑު ކުއްޔަށް ހިފާފައިވާ އިމާރާތެއް.” އާދަމް ވަހީދު ވިދާޅުވިއެވެ. “މިއަދު މިދާއިރާގެ ނައިބު ރައީސް އަލީ މުހައްމަދު އެއްބާރުލުން ނުދެޔޭ ބުނާ އިރު މިހާރު ވެސް ޕާޓީގެ ސައުންޑަކަށް އެބޭފުޅުން ގެންގުޅެމުން އެދަނީ އަޅުގަނޑު 500 ޑޮލަރަށް ގަނެފައިވާ ސައުންޑް ސިސްޓަމެއް.”
އާދަމް ވަހީދު އިތުރަށް ވާހަކަ ދައްކަމުން ވިދާޅުވީ، ކުޅުދުއްފުށީގެ އެމްޑީޕީ ހަރަކާތްތަކަކީ އޭނާ އިސްކޮށް ހުރެގެން ހައެއްކަ ކުދިން ގޮވައިގެން ނިކުމެ ކުރި ވަރަށް ބުރަމަސައްކަތެއް ކަމަށާއި މިހާރު ޕާޓީގެ ގިނަ ކުދިންނަށް ޕާޓީގެ އަސާސީ ގަވައިދުވެސް ނޭގޭ ކަމަށެވެ. އަދި އެމްޑީޕީގެ އަސާސީ ގަވައިދު ފާސްކުރަން ވޯޓް ދިން މީހަކަށް ކުޅުދުއްފުށީގައި ހުންނާނީ އޭނާ އެކަނިކަން ފާހަގަ ކުރެއްވިއެވެ.
“ޕާޓީގެ އަސާސީ ގަވައިދުގައި އޮންނާނީ މުޅި ގައުމަށާއި ރައްޔިތުންނަށް ހެވާލާބަޔަށް މަސައްކަތް ކުރުމަށް. އަސާސީ ގަވައިދުގައި ލިޔެވިފައެއް ނޯންނާނެ އެއްވެސް ބަޔަކާ ޒާތީ ގޮތްތައް ބެހެއްޓުމަކަށް. އަދި ވަކި މީހަކަށް ވީތީ ނާޖާއިޒް ފައިދާތަކެއް ނެގޭނެ އުސޫލެއް ނޯންނާނެ.”
ގިނަ ދުވަސް ތަކަކަށް ފަހު އަތޮޅު ކައުންސިލްގެ ރައީސް ކަންވެސް ކުރިން ކުރެއްވި އާދަމް ވަހީދު މީޑިއާއަށް ދެއްވި އިންޓަވިއުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ އަށާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީއަށް ފާޑުވިދާޅުވިއެވެ. އަދި އެމްޑީޕީގެ ކުޅުދުއްފުށީ އެކްޓިވިސްޓް ހުސެއިން އާދަމް އަށްވެސް ފާޑުވިދާޅުވިއެވެ.
އެގޮތުން ކުޅުދުއްފުށީގެ އެމްޑީޕީ ހަލާކުކޮށްލީ އެޕާޓީގެ މެމްބަރު ހުސެއިން އާދަމާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާކަމަށް އާދަމް ވަހީދު ތުހުމަތު ކުރެއްވިއެވެ.
“އަޅުގަނޑަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރެއް. ރައީސް ނަޝީދު ކެމްޕޭން ލޯންޗް ކުރި ޖަލްސާގައި ވެސް ރައީސް ނަޝީދު ހަމަމަގުން ކައްސާލައިފިނަމަ ހަމަމަގަށް އެޅުވުމަށް ބޮޑުދަތުރުގެ ހިތްވަރު ލިބިގެން ބުނަންޖެހުނު ކޮންމެ އެއްޗެއް ބުނިން. ކުރަން ޖެހުނު ކޮންމެ ކަމެއް ކުރިން. ހަގީގަތުގައި އެމްޑީޕީ މިހިސާބަށް ދާންޖެހުނު ސަބަބަކީ ޕާޓީތެރޭގެ ބަސްވިކޭ ހިސާބަށް ތާކުންތާކު ނުޖެހޭ ވިޔާނުދާ ބަޔަކު އައިސް އެކަކު އަނެކަކާއި ޒާތީ ގޮތުން ޖައްސާލާ ޕާޓީތެރޭގައި އުޅެން ފެށި ހިސާބުން.”
ވަކި މީހަކަށް ނާޖާއިޒު ފައިދާ ތަކެއް ހޯދައި ދިނުމަށް އަސާސީ ގަވައިދުގައި ނޯންނާނެ ކަމަށް ވިދާޅުވަމުން އާދަމް ވަހީދު އިޝާރާތް ކުރެއްވީ، އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރު ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ރައްވެހިގެ ހިންގުން، އެޕާޓީގެ އެކްޓިވިސްޓް އަދި އާދަމް ވަހީދު އާ ދެކޮޅަށް ޕެޓިޝަން ތައްޔާރު ކުރުމުގެ ކަންތައްތަކުގައި އިސްކޮށް އުޅުއްވާ ހުސެއިން އާދަމް އަށް ދީފައިވާ މައްސަލަ އަށެވެ. އެއީ ކޮރަޕްޝަން އަށް މަގުފަހި ވާގޮތަށް ހުސެއިން އާދަމް އަށް ދީފައިވާ ތަނެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ރައީސް ނަޝީދު ވެރިކަމަށް އައިސް އެންމެ ފުރަތަމަ ކުޅުދުއްފުށި ރަށު އޮފީސް ރަށު ކައުންސިލް އަށް ބަދަލުކޮށް އެޕޮއިންޓް ކުރި ކުޅުދުއްފުށި ކައުންސިލަރ ކަންވެސް ކުރެއްވި އާދަމް ވަހީދު ވިދާޅުވީ، ހުސެން އާދަމް އަށް އަތޮޅު ރައްވެހިގެ ދީފައިވަނީ ސީދާ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށެވެ.
“އެހެން ފަރާތަކުން ހުސެން އާދަމް އަށްވުރެ ބޮޑު ކުއްޔެއް ހުށައަޅާފައި ވަނިކޮށް އެފަރާތަށް ބިޑު އެވޯޑު ނުކޮށް ހުސެއިން އާދަމަށް ވަނީ އެއިމާރާތް ހަވާލުކޮށްފައި. އެއީ އަތޮޅުގެ ރައްޔިތުންގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް ކުއްޔަށް ދީފައިވާ އިމާރާތެއް.”
އޭނާ އިތުރަށް ވިދާޅުވީ، އެމްޑީޕީ މެމްބަރުންނަށް ޖެހިގެން އުޅޭ މައްސަލައަކީ އެއިމާރާތް ޕާޓީގެ މެމްބަރު ހުސެއިން އާދަމް އަތުން ނަގަން އަތޮޅު ކައުންސިލުން ނިންމުމުން އުޅޭ މައްސަލަ އެކެވެ. އަދި އެމްޑީޕީ އިން ގެނައި ނިޒާމަކީ ވަކިބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދީ، ވަކި ބައެއްގެ މަސްލަހަތު ހިމާޔަތް ކުރަން ޖެހޭ އުސޫލުތަކެއް ގެނައި ޕާޓީއެއް ނޫންކަމަށް ވިދާޅުވިއެވެ.
އާދަމް ވަހީދު ގެ އިންޓަވިއުގައި ވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ އަށް ވެސް ވަރަށް ބޮޑު ފާޑުވިދާޅުވެފައެވެ. ފެބްރުއަރީ މަހު ވެރިކަން ބަދަލުފަހުން ކުރީގެ ރައީސް ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގެން ބޭއްވި ޖަލްސާގައި ނޮވެމްބަރު 3 ގެ ހާދިސާއަށް ނިސްބަތްކޮށް ދެއްކެވި ވާހަކަފުޅު އާދަމް ވަހީދު ކުއްވެރިކުރިއެވެ.
އާދަމް ވަހީދު ވިދާޅުވި ގޮތުގައި، އެޖަލްސާގައި ވާހަކަ ދައްކަމުން މާރިޔާ ވިދާޅުވެފައި ވަނީ “ގައުމުގެ ސިފައިންނަކީ ކޮންބައެއްހޭ. އެމީހުންނަކީ ވަރަށް ފިނޑިބައެކޭ. ނޮވެމްބަރު ތިނެއްގައި ވެސް އެމީހުން ތިބީ ފިލައްޔޭ. އުޅުނީ އިންޑިޔާ މީހުންނޭ” މިހެންނެވެ.
މާރިޔާގެ ވާހަކަތަކަށާއި ކުޅުދުއްފުށީގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނަށް ފާޑުވިދާޅުވަމުން އާދަމް ވަހީދު ވިދާޅުވީ، ކުޅުދުއްފުށީގެ ރައްޔިތުން ފަހުރުވެރިވަމުން ދަނީ އެދުވަހު ސިފައިންގެ ހިދުމަތުގައި ގައުމަށްޓަކައި ޝަހީދު ވެގެންދިޔަ ކުޅުދުއްފުށީ ހުސެއިން އާދަމަށްޓަކައެވެ. ހުސެއިން އާދަމްގެ ނަމުގައި މާލޭގައި އެހުރި ބިލްޑިންގ އަށް މުޅި ކުޅުދުއްފުށީގެ ރައްޔިތުން ފަހުރުވެރިވި ކަމުގައި ވިޔަސް އެޖަލްސާގައި މާރިޔާ އެބަސްތައް ވިދާޅުވުމުން ވެސް ކުޅުދުއްފުށީގެ އެމްޑީޕީގެ މީހުންނާއި ތިލަދުންމަތީގެ ބައެއްރަށްރަށުގެ މީހުން ތިބެގެން އަތްތިލަބަޑި ޖެހުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ހދ. އަތޮޅު ކައުންސިލް އިންތިހާބު ވުމަށް ފަހު އެންމެ ފުރަތަމަ އެކައުންސިލްގެ ރައީސް ކަމުގައި ހުރި އާދަމް ވަހީދު އިތުރަށް ވިދާޅުވީ، ހދ އަތޮޅުގެ ރައްޔިތުންނަށް ނިކަމެތިވާނެ ގޮތަކަށް، ކުޅުދުއްފުށީގެ ރައްޔިތުންނަށް ނިކަމެތިވާނެ ގޮތަކަށް ނުވަތަ ތަރައްގީއަށް ހުރަސް އެޅޭފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
ގުޅޭލިޔުން:
އެމްޑީޕީގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައީސް ޕާޓީން ވަކިކުރަން ޕެޓިޝަނެއް ތައްޔާރުކުރަމުންދާ ކަމަށް އެޕާޓީން ބުނެފި