.
އިބްރާހިމް ހަމީދު
ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ އާ ކުލާސް ރޫމް ބަރީގެ އިމާރާތުގެ މަސައްކަތް މަޑުޖެހިލާފައި ދުވަސްކޮޅަކު އޮތުމަށްފަހު އަލުން ފެށިގެން މިހާރު ކުރިއަށްދާކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ ޓޫއެލް ކޮންސްޓްރަކްޝަން ކުންފުނިން ބުނެފިއެވެ.
ކުޅުދުއްފުށީ އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓޫއެލް ކޮންސްޓްރަކްޝަންގެ ފަރާތުން މުހައްމަދު ހާޝިމް ވިދާޅުވީ، އަފީފުއްދީން ސްކޫލުގެ ކުލާސް ރޫމް ބަރީގެ މަސައްކަތް ލަސްވެގެން ދިޔައީ އިމާރާތް ކުރުމަށް ބޭނުންވާ މެޓީރިއަލް ރާއްޖެއިން ބޭރުން ގެންނަން ވިސްނާފައި އޮތުމުގެ ސަބަބުން ބައެއް ކަހަލަ ދަތިތައް ދިމާވުމުގެ ސަބަބުން ނެވެ.
“ބައެއް ކަހަލަ ދަތިތަކާހުރެ ކުރިން އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ގެނައުން ލަސްވެގެން ދިޔަކަމަށް ވިއަސް މިހާރު އިމާރާތުގެ މަސައްކަތަށް ބޭނުންވާ ހުރިހާ ތަކެއްޗެއް (ދަގަނޑާއި ސިމެންތި، ހިލަ އަދި ހިލަވެލި) ރާއްޖެއިން ބޭރުން ސީދާ ކުޅުދުއްފުއްޓަށް ގެނެސް މަސައްކަތް ވަރަށް ބާރަށް އިމާރާތުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. އިމާރާތުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހު ނިންމާލުމަށްފަހު ސަރުކާރާ އިމާރާތް ހަވާލު ކުރެވޭތޯ މަސައްކަތް ކުރަމުން މިދަނީ.” މުހައްމަދު ހާޝިމް ވިދާޅުވިއެވެ.
ކުޅުދުއްފުށީ އަފީފުއްދީން ސްކޫލު ގައި ތިން ބުރިއަށް ހަދާ 8 ކުލާސްރޫމުގެ އިމާރާތަކީ، އަފީފުއްދީން ސްކޫލުގެ ޖާގައިގެ ދަތިން ހައްލުކުރުމަށް ނިމިދިޔަ ސަރުކާރުން ބަޖެޓުން ހަރަދު ކުރާ ގޮތަށް 2011 ވަނަ އަހަރު، އޭރުގެ އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ ބިންގާ އަޅުވައިދެއްވި އިމާރާތެކެވެ.