އިބްރާހިމް ހަމީދު
ކުޅުޅުދުއްފުށީގައި ޒުވާން އަންހެން ކުއްޖެއްގެ ގައިގައި ކަޓަރު އަޅައި ޒަހަމް ކޮށްލައިފި އެވެ.
މިއަދު ހަވީރު 4 ޖަހާ އެހާކަންހާއިރު ކަޓަރު އަޅާ ޒަހަމްކޮށްލާފައި ވަނީ ކުޅުދުއްފުށީ މުސްތަރީގެ ރަޒްލީ ޒަކަރިއްޔާ، 22 އެވެ.
އާއިލާގެ ފަރާތުން އެކުއްޖާގެ މަންމަ އާއިޝަތު މުހައްމަދު ބުނީ ދަރިފުޅު ވަޒީފާއަދާކުރާ ތޭރި ސްޓޫޑިއޯ އިން މެންދުރު 12 ޖެހިއިރު ގެއަށް އައިސް 4 ޖަހާއިރު ސްޓޯޑިއޯ އަށް ދިއުމަށް ގޭގެ އުތުރުފަރާތު ގޯޅިން ދަނިކޮށް މޫނު ނިވާކޮށްގެން ތިބި ބަޔަކު އައިސް ހަމަލާ ދިނީ ކަމަށެވެ. އެގޮތުން ދަރިފުޅުގެ ގައިގައި ތަޅާ އަނިޔާކޮށްފައިވާ ކަމަށާއި އޭނާއަށް ދަރިފުޅު ފެނުނު އިރު އަނގައިންނާއި ނޭފަތުންވެސް ލޭ އައިސްފައި ހުރި ކަމަށެވެ. އަދި އޭރު ދަރިފުޅުގެ ހޭވެރިކަމެއް ނެތް ކަމަށް މަންމަ އާއިޝަތު މުހައްމަދު ބުންޏެވެ.
ރަޒްލީ އަށް މިއަދުގެ ހަމަލާ އައުމުގެ ކުރިން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އޭނާ ވަޒީފާ އަދާކުރާ ތޭރި ސްޓޫޑިއޯގައި އިންދާ ނޭކުރަންދޫގެ ދެމީހަކު އެތަނަށް ވަދެ އޭނާގެ ހާޑް ޑިސްކު ފޭރިގަނެފައިވާ ކަމަށް އާއިލާގެ ފަރާތުން ބުނެއެވެ. އަދި އެދުވަހު ފުލުހުންނަށް އެކަން ރިޕޯޓު ކުރުމާ ގުޅިގެން ނޭކުރަންދޫގެ އެދެމީހުން ހައްޔަރުކުރިކަމަށް ވެސް އާއިލާއިން ބުނެއެވެ.
މިމައްސަލައާ ގުޅޭގޮތުން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ކުޅުދުއްފުށީ އަންހެން ކުއްޖެއްގައި ބަޔަކު ތަޅާ މާރާމާތީ ހިންގާފައިވާއިރު އެއަންހެން ކުއްޖާގެ ވާތު ކުޑަހުޅުކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ އެއް އިންޗިވަރުގެ ޒަހަމެއް ހުރިކަމަށެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވަނީ އެކުއްޖާއަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ވާތު ކުޑަހުޅުކައިރިން ޒަހަމެއް ވެފައި ވުމުގެ އިތުރުން ބޮލަށްވެސް އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި އެކުއްޖާގެ އަނގަޔާއި ނޭފަތުންވެސް ލޭއައިސްފައި ހުރިކަމަށާއި މިހަމަލާގެ ސަބަބުން ނަފްސާނީ ގޮތުން އެކުއްޖާއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ޑޮކްޓަރާ ހަވާލާދީ ހޮސްޕިޓަލުން ބުނެއެވެ. އަދި މިހާރު މަޑުމަޑުން އެކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.