.
މުޙައްމަދު އިސްމާއިލް
ކުޅުދުއްފުށީ އަމީނީ މަގު ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި ކުރިއަށް ގެންދާ މަޝްރޫއު ހުއްޓާލާފައިވާ ކަމަށް ބުނެ ކުޅުދުއްފުށީ ކައުންސިލުން މިއަދު ނޫސްބަޔާނެއް ނެރެފި އެވެ.
ކުޅުދުއްފުށީ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ކުޅުދުއްފުށީ އަމީނީ މަގު ހެދުމުގެ މަސައްކަތް ސަރުކާރު ބަދަލުވުމާ ގުޅިގެން ހުއްޓާލާފައިވާތީ އެމަސައްކަތް އަލުން ފެށުމަށެވެ. އަދި އެމަސައްކަތުގައި އުޅުނު އެކުންފުނީ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި އެމީހުންނަށް އަލުން ވަޒީފާ ދިނުމަށް ވެސް އެނޫސްބަޔާނުގައި ގޮވާލާފައި ވެއެވެ.
ކައުންސިލުގެ ނޫސްބަޔާނާ ގުޅިގެން ކުޅުދުއްފުށީ އަމީނީ މަގުގެ މަސައްކަތް ކުރިއަށް ގެންދާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގެ ޖެނެރަލް މެނޭޖަރ އިމްތިޔާޒް މިއަދު ވިދާޅުވީ އަމީނީމަގުގެ ހެދުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ކައުންސިލުން ބުނި ނަމަވެސް އެކުންފުނިން އެމަޝްރޫއު ހުއްޓާލާފައި ނުވާކަމަށެވެ.
އެކޯޕަރޭޝަނުން ބުނީ އަމީނީމަގުގައި މިހާރު ކުރިއަށް އޮތީ ގައު އެތުރުމުގެ މަސައްކަތް ކަމަށާއި ގައު އެތުރުން ލަސްވަނީ އެކަމަށް ބޭނުންވާ ގައު ލިބިފައިނުވާތީ ކަމަށެވެ. އަދި މުވައްޒަފުން ވަކި ކޮށްފައިވާ ކަމަށް ކައުންސިލުން ބުނާއިރު އެކުންފުންޏަށް ކުޅުދުއްފުށިން ނަގާފައިވާ މުވައްޒަފުންނަކީ ކޮންޓްރެކްޓް އުޞޫލުން ނަގާފައި ތިބޭ މުވައްޒަފުންތަކަކަށް ވާތީ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން އެމުވައްޒަފުން ވަޒީފާއިން ވަކިވާނެ ކަމަށެވެ. އަދި މިވަގުތު ގައު ނުލިބުމުގެ ސަބަބުން މަސައްކަތް މަޑުޖެހިފައިވާ އިރެއްގައި ކޮންޓްރެކްޓަށް ނަގާފައިވާ މުވައްޒަފުންތަކެއް ކުންފުނީގައި ބޭތިއްބުމަކީ ވިޔަފާރީ އުޞޫލުން ބަލާއިރު ކުންފުންޏަށް ފައިދާވާނެ ކަމެއް ނޫން ކަމަށެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ޖީއެމް އިމްތިޔާޒު ކުރިން ވިދާޅުވެފައި ވަނީ، ކުޅުދުއްފުށީގައި މަސައްކަތް ކުރުމަށް އެކުންފުންޏަށް މުވައްޒަފުން ނަގާފައިވަނީ ކޮންޓްރެކްޓް އުޞޫލުން ކަމަށާއި އެކުންފުންޏަށް ކުޅުދުއްފުށިން އިތުރު ޕުރޮޖެކްޓެއް ލިބިއްޖެނަމަ އެކުންފުނީގައި ކުރިން މަސައްކަތް ކޮށްފައިވާ މުވައްޒަފުންނަށް އިސްކަން ދޭނެ ކަމަށެވެ.
ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އިބްރާހީމް ރަމީޒް ވިދާޅުވީ އަމީނީމަގު ހެދުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިއުމާބެހޭ ގޮތުން ކައުންސިލުން އެމްއާރުޑީސީ އާ ބައްދަލުކޮށްފައިވާނެ ކަމަށެވެ.
އަމީނީމަގު ހެދުމުގެ މަޝްރޫއު ހުއްޓާލާފައިވާ ކަމަށް ބުނެ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނުގައި، ފެބްރުއަރީ 7 ވަނަ ދުވަހު އޭރު އޮތް ސަރުކާރު ބަދަލުކޮށްލީ ދައުލަތުގެ މާލިއްޔަތު “އަންބޮނޑިއަށް ލުމުގެ” ބޭނުމުގައި ކަމަށް ބުނެފައި ވެއެވެ.