.
އިބްރާހީމް ހަމީދު
އަފީފުއްދީން ސްކޫލުގައި އަލަށް އިމާރާތްކުރާ ކްލާސްރޫމްތަކުގެ މަސައްކަތް ކުރިއަށް އޮތް 8 މަސްދުވަހުގެ ތެރޭގައި ނިންމާ ސަރުކާރާ ހަވާލުކުރެވޭނެ ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ ޓޫއެލް ކޮންސްޓްރަކްޝަނުން ބުނެފި އެވެ.
މިހަފުތާގެ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ދެއްކެވި ވާހަކަފުޅުގައި އަފީފުއްދީން ސްކޫލުގެ މަސައްކަތް ހުއްޓާލަން ޖެހިދާނެ ކަމަށް ވިދާޅުވެފައި ވާތީ ކުޅުއްދުއްފުށީ އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓޫއެލް ކޮންސްޓްރަކްޝަނުން ބުނެފައިވަނީ އެކުންފުނިން ކުރަމުން ގެންދާ މަސައްކަތް ހުއްޓާލަން ސަރުކާރުން އަންގާފައި ނުވާކަމަށާއި ހުއްޓުމެއްނެތި މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ޓޫއެލް ކޮންސްޓްރަކްޝަންގެ ފަރާތުން ވާހަކަ ދެއްކެވި މުހައްމަދު ހާޝިމް ވިދާޅުވީ އެކުންފުނިން މަސައްކަތް ނުފެށި ލަސްވެގެން ދިޔައީ އިމާރާތްކުރުމަށް ބޭނުންވާ މެޓީރިއަލް ރާއްޖެއިން ބޭރުން ގެނައުމުން ކަމަށާއި އެހެންނަމަވެސް މިހާރު ހުރިހާ ތަކެއްޗެއްވެސް ކުޅުދުއްފުއްޓަށް ގެނެސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 8 މަސްދުވަހުގެ ތެރޭގައި އެއިމާރާތް ނިންމާ ސަރުކާރާ ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
” ކުލާސްބަރީގެ އިމާރާތުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ. މިހާރު އިމާރާތް އެޅުމަށް ބޭނުންވާ ހުރިހާ ސާމާނެއްވެސް ސައިޓަށް ވަނީ ގެނެސްފައި. އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތް ނިމި މިހާރު ކޮލަމްތައް ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ.” ހާޝިމް ވިދާޅުވި އެވެ.
ހާޝިމް ވިދާޅުވީ އެކުންފުންޏަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބިލް ކުރުމުން ޕޭމަންޓް ލިބުން ލަސްވުމުގެ މައްސަލަ ކަމަށާއި އެގޮތުން މިދިޔަ އަހަރުގެ ނުލިބި ހުރި ޕޭމަންޓް ތަކެއް އެބަހުރި ކަމަށެވެ.
ކުޅުދުއްފުށީ އަފީފުއްދީން ސްކޫލު ގައި ތިން ބުރިއަށް ހަދާ 8 ކުލާސްރޫމުގެ އިމާރާތަކީ، އަފީފުއްދީން ސްކޫލުގެ ޖާގައިގެ ދަތިން ހައްލުކުރުމަށް ނިމިދިޔަ ސަރުކާރުން ބަޖެޓުން ހަރަދު ކުރާ ގޮތަށް 2011 ވަނަ އަހަރު، އޭރުގެ އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ ބިންގާ އަޅުވައިދެއްވި އިމާރާތެކެވެ.