.
އިބްރާހިމް ހަމީދު
ކުޅުދުއްފުށީ މުސްތަރީގޭ ރަޒްލީ ޒަކަރިއްޔާ އަށް މާރޗް މަހުގެ ތެރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
ކުޅުދުއްފުށީ އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިނިސްޕެކްޓަރ ހަސަން ހަނީފް ވިދާޅުވީ، މާރޗް މަހު 24 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި ކުޅުދުއްފުށީގެ އަންހެން ކުއްޖަކުގެ ގައިގާ ބަޔަކު ތަޅާ މާރާމާރީ ހިންގާ ތޫނު އެއްޗަކުން ހަމަލާދީފައިވާ މައްސަލައެއް އެދުވަހު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ހުށައެޅިފައިވާކަމަށާއި ހަމަ އެވަގުތުން ފެށިގެން އެމައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ.
އެހެންނަމަވެސް އަދި އެމައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައެއް ނުވެއެވެ. މިހާރުވެސް އެމައްސަލަ ފުލުހުން ތަހުގީގުކުރަމުންދާކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.
އާއިލާގެ ފަރާތުން ރަޒްލީގެ މަންމަ އައިޝަތު މުހައްމަދު ކުރިން މިނޫހަށް މަޢުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ ރަޒްލީއަށް ހަމަލާދީފައި ވަނީ ރަޒްލީ ވަޒީފާ އަދާކުރާ ތޭރިފޮޓޯއަށް ދިޔުމަށް ގޭގެ އުތުރު ފަރާތު ގޯޅިން ބޭރަށް ނިކުތް ވަގުތު މޫނުނިވާކޮށްގެން ތިބި ބަޔަކު އެވެ.