.
އަތޮޅު ތެރޭގައި ބާއްވާ ފުރަތަމަ ރެޑް ކާޕެޓް އިވެންޓާއެކު ދިވެހި ފިލްމް ލަވް ސްޓޯރީ ކުޅުދުއްފުށީގައި އަޅުވާގޮތަށް ނިންމައިފި އެވެ.
ދިވެހި ފިލްމް ލަވް ސްޓޯރީ ކުޅުދުއްފުށީގައި ދެއްކުމަށްޓަކައި ރެޑް ކާޕެޓް އިވެންޓެއް ބޭއްވުމުގެ އިތުރުން ފިލްމުގެ ފަންނާނުން ގެނެސްދޭ ސްޓޭޖް އައިޓަމްތަކެއް ވެސް ހިމެނޭ ކަމަށް އެފިލްމުގެ ފަރާތުން ވާހަކަ ދެއްކި އަހުމަދު ގިޔާސް ވިދާޅުވި އެވެ. އަދި އެފިލްމަށް ލަވަ ކިޔައިދިން ވޯކަލިސްޓެއް ވެސް އެޝޯވ އަށް ކުޅުދުއްފުއްޓަށް ގެންދެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ގިޔާސް އިތުރަށް ވިދާޅުވީ ކުޅުދުއްފުށީގައި މިފިލްމް އަޅުވާއިރު ހާއްސަ ކަންތައްތަކެއް ކުރުމަށް ރާވާފައިވަނީ ކުޅުދުއްފުއްޓަކީ ދިވެހި ފިލްމް ބަލާ ބޮޑު އޯޑިއެންސެއް އޮތް ރަށަކަށް ވާތީ އެފަދަ ފަރާތްތައް “ހިތްހަމަ ޖައްސައިދިނުމަށް” ކަމަށެވެ. އަދި މި އިވެންޓުގައި ފިލްމުގެ މުހިއްމު ތަރިން ކަމުގައިވާ އަލީ ސީޒަން އާއި ރިޝްމީ ފަދަ ތަރިން ބައިވެރިވާނެކަމަށް އޭނާ ވިދާޅުވި އެވެ.
ބިންމާ އިބްރާހީމްގެ ވާހަކައަކަށް ޑައިރެކްޓަރ ފައްތާހު ހަދާފައިވާ ފިލްމު ލަވް ސްޓޯރީ މާލޭގައި ދައްކަން ފަށާފައިވާއިރު ކުޅުދުއްފުށި ތިލަ ދެކުނު ސިނަމާގައި މިފިލްމު ދައްކާނީ މިމަހުގެ 13 އަދި 14 ވަނަ ދުވަހުގެ ރެއެވެ. ދިވެހި ފިލްމީ ދާއިރާގެ މަސައްކަތްތަކަށް ކުޅުދުއްފުށީ ޒުވާނުންނާއި ކުޅުދުއްފުށީ ކައުންސިލުގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން އުފަލާއެކު ފާހަގަކުރާ ކަމަށް ގިޔާސް ވިދާޅުވިއެވެ.