.
އިބްރާހިމް ހަމީދު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ގޯތިތެރޭގައި އެސްޓީއޯއިން އިމާރާތްކުރި ބޭސްފިހާރައިގެ ހިދުމަތް ދޭން ފަށައިފި އެވެ.
މިދިޔަ އަހަރު އިމާރާތްކުރަން ފެށި މިބޭސްފިހާރައިގެ ހިދުމަތް މިއަދު ރަސްމީކޮށް ދޭން ފެށިނަމަވެސް މިއިމާރާތް ނިމުމުގެ ކުރިންވެސް ހޮސްޕިޓަލުގެ ޕްރައިވެޓް ރޫމެއްގައި އެސްޓީއޯއިން އައީ ބޭހުގެ ހިދުމަތް ދެމުންނެވެ.
ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން އެސްޓީއޯގެ ބޭސްފިހާރައާ ހަވާލުވެހުންނެވި އަބްދުﷲ އިމާދު ވިދާޅުވީ މިއަދު ހުޅުވި ބޭސްފިހާރައިގެ ހިދުމަތް 24 ގަޑިއިރު ހިދުމަތް ދޭތަނަކަށް ބަދަލުކުރެވޭނެ ކަމަށާއި ބޭސްފިހާރައަށް ފާރމަސިސްޓުން ނުލިބުމަކީ ބޮޑު މައްސަލައެއް ކަމަށެވެ.
ހެނދުނު 8 ން މެންދަމު 12 އަށް ހުޅުވާފައި ހުންނަ މިބޭސްފިހާރައަކީ އެސްޓީއޯއިން އަތޮޅުތެރޭގައި ހުޅުވި މިފަދަ ފުރަތަމަ ބޭސްފިހާރަ ކަމަށް އިމާދު ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި އެސްޓީއޯގެ ފާރމަސީ އިމާރާތް ކުރަން ފަށާފައިވަނީ މިދިޔަ އަހަރު އެވެ. އިމާރާތުގެ މަސައްކަތް މުއްދަތަށް ނުނިމި ލަސްވެގެންދިޔައީ މަސައްކަތް ފެށިފަހުން ދިމާވި ބައެއް ކަހަލަ ކަންތައްތަކާއި ގުޅިގެން ކަމަށް އަބްދުﷲ އިމާދު ވިދާޅުވިއެވެ. ބޭސްފިހާރަ ރަސްމީކޮށް ހުޅުވުމުގެ ކުރިން ހޮސްޕިޓަލުގެ ތެރެއިން އެސްޓީއޯއިން ބޭސްފިހާރައިގެ ހިދުމަތް ދޭން ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އެވެ.