.
މުޙައްމަދު އިސްމާޢީލް
ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީ ކުރުމަށް ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއު ހުއްޓާލުމަށްފަހު އަލުން އެ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް މިއަހަރު ތެރޭ ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
މާރޗް 20 ވަނަ ދުވަހު ސޮއިކުރަން ކުރިން ކަނޑައަޅާފައިވާ ޕުރޮޖެކްޓް ހޯލްޑް ކޮށްފައި ކަމަށް ކުރިން ބުނިނަމަވެސް އެޕުރޮޖެކްޓް ގެ ހުރިހާ މަސައްކަތެއް ހުއްޓާލުމަށްފަހު އަލުން އެމަސައްކަތް މިއަހަރުތެރޭ ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލެއް ކުޅުދުއްފުއްށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިދިޔަ މަހުގެ 20 ވަނަ ދުވަހު ކުރިން ސޮއިކުރަން ހަމަޖައްސާފައި އޮތް ޕުރޮޖެކްޓް ޓާރމިނޭޓް ކޮށް އަލުން އިއުލާން ކުރާއިރު މިހާރު ހުރި ބައެއް ކަންކަން ބަދަލުވެދާނެ ކަމަށެވެ. އެކަމަށްޓަކައި ކުރިން އޮތް ޕްލޭން ބަދަލުކޮށް މުޅި މަޝްރޫއު އަލުން ރިވައިޒް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލެއް މިހެން ވިދާޅުވެފައި ވާއިރު އިއްޔެ ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރ ވިދާޅުވެފައިވަނީ އަލުން އެމަޝްރޫއަށް ފައިސާ ހޯދުމަށްޓަކައި މިއަހަރުގެ އޯގަސްޓް ނޫނީ ސެޕްޓެމްބަރުގައި އިންވެސްޓާ ކޮންފަރެންސެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
ސަން އަށް ދިން އިންޓަވިއުއެއްގައި އިކޮނޮމިކް މިނިސްޓަރ އަހުމަދު މުހައްމަދު ވިދާޅުވެފައިވަނީ ހަނިމާދޫ ވައިގެ ބަނދަރު ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް އެބަނދަރު މެދުވެރިކޮށް ދިވެހިރާއްޖެއާ އިންޑިޔާ އާ ދެމެދު އިގްތިސާދީ މަސައްކަތްތައް ފެއްޓެވުމުގެ ވިސްނުމެއް ސަރުކާރުގައި އެބަހުރި ކަމަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އިއާޕޯޓް އިންޓަނޭޝަނަލް ކުރުމަށް ފުރަތަމަ ފަހަރަށް ބިޑަށް ލާފައިވަނީ ކުރީ ސަރުކާރު ވެރިމަށް އެރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެވެ. އެހެންނަމަވެސް އެފަހަރު އެއާޕޯޓާއެކު ގިނަ އަދަދެއްގެ ޓުއަރިސްޓް ބެޑްތަކެއް ދޭން ނިންމުމާ ގުޅިގެން މަޝްރޫއަށް ބަދަލުތަކެއް ގެނެސް ފަހުން އެމަޝްރޫއު ވަނީ އިއުލާނުކޮށްފައި އެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ދެވަނަ ފަހަރަށް ފުރުސަތު ހުޅުވާލުމުން 19 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. އޭގެތެރެއިން ޝޯޓްލިސްޓު ކުރެވިގެން ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 8 ފަރާތަކަށެވެ. ޝޯޓު ލިސްޓް ކުރި ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިޔާ، ތުރުކީ ވިލާތާއި އެމެރިކާ އަދި އިނގިރޭސިވިލާތުގެ ކުންފުނިތައް ހިމެނެ އެވެ. އޭގެ އިތުރުން ސިންގަޕޫރުގެ ކުންފުންޏަކާއި ތައިލެންޑްގެ ކުންފުންޏެއް ހިއްސާވާ ކޮންސޯޓިއަމްއަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ކުރިން އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދެއްވާފައި ވެއެވެ.