.
މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ކުޅުދުއްފުށީ ކައުންސިލުން ނިންމައިފި އެވެ.
ކުޅުދުއްފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ކައުންސިލުން ނިންމާފައިވަނީ ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހު ބޭއްވި އެކައުންސިލުގެ ބައްދަލުވުމެއްގައި އެވެ.
ކުޅުދުއްފުށީ ކައުންސިލުގެ ނައިބު ރައީސް ފާރޫގު މުހައްމަދު މިއަދު ވިދާޅުވީ، ޒުވާނުންނަށް ހާއްސަކޮށްގެން ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމާފައިވާއިރު މިދިޔަ އަހަރު، ކައުންސިލުގެ ބަޖެޓުގައި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އަދަދުތަކެއް ހިމަނާފައިވާނެ ކަމަށެވެ.
“ބަޖެޓް ލިބުންހާ އަވަހަށް މުބާރާތް އިންތިޒާމު ކުރުމުގެ ކަންތައް ކުރިޔަށްދާނެ. އަދި ބަޖެޓް ނުލިބުން ކަމުގައި ވިޔަސް، އެހެން ގޮތްތަކުން ފަންޑް ހޯދައިގެން މުބާރާތް ބޭއްވުން ކައުންސިލްގެ އަމާޒަކީ.” ފާރޫގު ވިދާޅުވި އެވެ.
މުބާރާތް ބާއްވަން ނިންމި ނަމަވެސް މުބާރާތް ބާއްވާނެ ވަކި ގޮތެއް ކައުންސިލުން ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް ފާރޫގު ވިދާޅުވީ ކައުންސިލުގެ ވިސްނުން ހުރީ ކޮންމެ އަހަރަކު އެފްއޭއެމް އިން ބާއްވާ އަތޮޅު މުބާރާތުގެ ކުރިން ކައުންސިލުގެ މުބާރާތް ބޭއްވުމަށެވެ.
“އޭރުން އެމުބާރާތްތަކަށް (އަތޮޅު މުބާރާތް ފަދަ މުބާރާތްތަކަށް) ޓީމެއް ތައްޔާރުކުރަން ފަސޭހަވާނެ” ފާރޫގު ވިދާޅުވި އެވެ.
ގުޅޭ ލިޔުން:
ކުޅުދުއްފުށީ ޒުވާނުން ރަނގަޅު ފުޓުބޯޅަ ލީގެއްގެ އިންތިޒާރުގައި (07-04-2012)