.
އިބްރާހިމް ހަމީދު
މަތިއުތުރު ސަރަހައްދުގެ ތިން އަތޮޅުގައި ހިމެނޭ ސްކޫލުތަކުގެ ބަޖެޓާއި ބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް ވޯކްޝޮޕެއް ބާއްވައިފި އެވެ.
މަތިއުތުރު އެޑިއުކޭޝަން ޔުނިޓުން އިންތިޒާމު ކޮށްގެން ކުޅުދުއްފުށީގައި މިމަހުގެ 5 ކުން 8 ކަށް ބޭއްވި ވޯކްޝޮޕްގައި މިސަރަހައްދުގެ ސްކޫލުތަކުން 85 ފަރާތަކުން ބައިވެރިވެފައިވެއެވެ.
ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން މަތިއުތުރު އެޑިޔުކޭޝަން ޔުނިޓް ހިންގެވުމާއި ހަވާލުވެހުންނެވި އިބްރާހިމް ރަޝީދު ވިދާޅުވީ، އެޑިއުކޭޝަން ޔުނިޓުން އިންތިޒާމް ކޮށްގެން މި ސަރަހައްދުގެ ތިން އަތޮޅު ގެ ސްކޫލް ތަކުގެ ބަޖެޓްގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އަމާޒު ކޮށްގެން ބޭއްވިފައިވަނީ، ސްކޫލުތަކަށް މިއަހަރަށް ކަނޑައެޅުނު ބަޖެޓާއި ބެހޭގޮތުން މައުލޫމާތު ދީ، ބަޖެޓްގެ މަސައްކަތްތަކަށް އަހުލުވެރި ކުރުވުމަށެވެ.
“އެފަދަ ވޯކްޝޮޕެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ސްކޫލުތަކުގެ ބަޖެޓްގެ ކަންތައްތައް ބަލަހައްޓާނެ ގޮތާއި ފައިސާ ގެ އެންމެހައި ކަންތައްތައް ބުނެދީ އަހްލުވެރި ކުރުން. އަދި މީގެ އިތުރުން މާލިއްޔަތު ގަވައިދާއި ސިވިލް ސާވިސްގެ ގަވައިދުތަކުގެ މަޢުލޫމާތު ތައް ވޯކްޝޮޕްގެ ބައިވެރިންނަށް ދެވިފައިވާނެ” އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ހޯލުގައި އޮތް މި ވޯކްޝޮޕްގައި މަޢުލޫމާތު ދެއްވީ މަތިއުތުރު އެޑިޔުކޭޝަން ޔުނިޓްގެ ބަޖެޓް ކަންތައްތައް ބަލަހައްޓަމުން ގެންދަވާ ހދ. އަތޮޅު މަދުރަސާގެ ޑެޕިއުޓީ ޕްރިންސިޕަލް އާދަމް މުހައްމަދެވެ.