.
ފިލްމް ޕްރޮޖެކްޓްތަކަށް ކުޅުދުއްފުއްޓަށް އައުމުގެ ވިސްނުން އެބަ ގެންގުޅެން – ރިޝްމީ
ހާޝިމް އަބޫބަކުރު
ފުރަތަމަ ފަހަރަށް އަތޮޅުތެރޭގައި ބޭއްވި ރެޑްކާޕެޓް އީވެންޓާއި އެކު ދިވެހި ފިލްމް ލަވް ސްޓޯރީގެ ޕްރިމިއަރ ވަރަށް ކުލަގަދަކޮށް ކުޅުދުއްފުށީ ތިލަދެކުނުސިނަމާގައި ރޭ ބާއްވައިފިއެވެ.
ބިންމާ އިބްރާހީމް ވަޙީދުގެ އަސަރުގަދަ ލޯބީގެ ވާހަކައަކަށް ޢަބްދުލް ފައްތާޙު ޑައިރެކްޓް ކޮށްފައިވާ ނޫރު އެން މޫވީސްގެ ލަވް ސްޓޯރީގެ ލީޑް ރޯލުން ފެނިގެންދާ އަލީ ސީޒަން އާއި އާއިޝަތު ރިޝްމީ ފިލްމްގެ ޕްރިމިއަރގައި ބައިވެރިވެފައި ވާއިރު، ޕްރިމިއަރ ނައިޓް އަށް ޚާއްސަކުރެވިގެން ބޭއްވި ސްޓޭޖް ޝޯވ ގެ ބައެއް އައިޓަމްތައްވެސް މި ދެ ފަންނާނުން ވަނީ ހުށަހަޅައިދީފައެވެ.
މި އީވެންޓާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ފިލްމުގެ އެކްޓަރ އަލީ ސީޒަން ވިދާޅުވީ، މި އިވެންޓަކީ އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނާއި ދިވެހި ފިލްމީ ދާއިރާ މިހާރަށް ވުރެ ބޮޑަށް ގުޅުވާލުގެ މަގުސަދުގައި ލަވް ސްޓޯރީގެ ޓީމްގެ ފަރާތުން ބޭއްވި އީވެންޓެއްކަމަށެވެ. މީގެ އިތުރުން ކުޅުދުއްފުށީގެ ޒުވާނުންގެ ފަރާތުން ޕްރިމިއަރ ނައިޓްގެ ކަންކަން އިންތިޒާމްކުރުމުގައި އެ ޓީމަށް ދީފައިވާ އެއްބާރުލުމާއި ސަޕޯޓް ސީޒަން ފާހަގަކުރިއެވެ.
ކުޅުދުއްފުއްޓަކީ ދިވެހި ފިލްމީދާއިރާގެ މަސައްކަތްތަކަށް ވަރަށް ސަޕޯޓްކުރާ ރައްޔިތަކު ދިރިއުޅޭ އަދި ފިލްމްތަކުން ރަނގަޅު ވިޔަފާރިއެއްވާ ރަށެއްކަން ފާހަގަކުރައްވަމުން ފިލްމީ ތަރި އަދި އަމިއްލަ ފިލްމް ޕްރޮޑަކްޝަންއެއްގައި މަސައްކަތްކުރައްވާ އާއިޝަތު ރިޝްމީ ވިދާޅުވީ، ކުޅުދުއްފުށީގައި ފިލްމެއް ޝޫޓްކުރުމުގެ ޚިޔާލު ގެންގުޅުއްވާކަމަށާއި ދެން އެންމެ އަވަހަކަށް ފަށާ ޕްރޮޖެކްޓަކަށްވެސް ކުޅުދުއްފުޓަށް އައުމުގެ ވިސްނުންވެސް ގެންގުޅުއްވާކަމަށެވެ.
ލަވް ސްޓޯރީގެ ޕްރިމިއަރގެ މި އިވެންޓް ޝަރަފްވެރި ކޮށްދެއްވީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް ސައީދް އަހްމަދުގެ ދެކަނބަލުން ނެވެ.