.
މިއަހަރުގެ މެއި މަހު ވިލާ ކޮލެޖުން ފެށުމަށް ހަމަޖައްސާފައިވާ އެކިއެކި ކޯސްތަކުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ފޯރމް ހުށަހަޅާފައިވާ ދަރިވަރުން، ކޯސްތަކުގައި ރަޖިސްޓްރީކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ވިލާ ކޮލެޖުން މަޢުލޫމާތު ދެއްވިގޮތުގައި، ވިލާ ކޮލެޖުން ހިންގާ ދެއަހަރުގެ ޑިޕްލޮމާ ކޯސްތަކާއި، އެޑްވާންސް ސެޓްފިކެޓްގެ ކޯސްތަކާއި، ޑިގްރީ ފައުންޑޭޝަންގެ ކޯސްތަކާއި، ސެޓްފިކެޓް 3 ގެ ކޯސްތަކުގެ ކުދިންނަށް އެޕްރީލް 22، 23 އަދި 24 ވަނަދުވަހު ކޯސްތަކަށް ރެޖިސްޓްރީ ކުރުމުގެ ކަންކަން ކުރިއަށް ގެންދާނެއެވެ. އަދި އެޕްރީލް 25 އާއި 26 ވަނަ ދުވަހު، އެއް އަހަރުގެ ޑިޕްލޮމާ ކޯސްތަކާއި، ބެޗްލަރސް ޑިގްރީ ކޯސްތަކާއި، މާސްޓަރސް ޑިގްރީގެ ކޯސްތަކަށް އެދިފައިވާ ދަރިވަރުންގެ ރެޖިސްޓްރޭޝަންގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.
ވިލާ ކޮލެޖްގެ ރެޖިސްޓްރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަނޑައަޅާފައިވާ ދުވަސްތަކުގައި ހެނދުނު 10:00 ން ފެށިގެން މެންދުރުފަހު 3:00 އަށެވެ.
މެއި މަހު ވިލާ ކޮލެޖުން ފެށުމަށް ހަމަޖައްސާފައިވާ ކޯސް ދާއިރާތަކުގެތެރޭގައި އިންފޮރމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، މަލްޓިމީޑިއާ ޓެކްނޮލޮޖީ، ޓީޗިންގ،އެޑިޔުކޭޝަނަލް އެޑްމިނިސްޓްރޭޝަން، ޝަރީއާ އެންޑް އިސްލާމިކް ސްޓަޑީޒް، ހޮސްޕިޓަލިޓީ މެނޭޖްމެންޓް، ޓުއަރިޒަމް ސްޓަޑީޒް، ހިއުމަން ރިސޯރސް މެނޭޖްމެންޓް، އަދި އެކައުންޓިންގ ހިމެނެއެވެ.
ވިލާ ކޮލެޖަކީ ތަފާތު ކޯސްތަކުގައި 2000 ށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންގެންދާ ދިވެހިރާއްޖޭގެ އަމިއްލަ އެންމެ ބޮޑު ކޮލެޖެވެ.