.
ބަދުރުއްދީން ޙަސަން
އިއްޔެރޭ ފަތިހު ކުޅުދުއްފުށީގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި އާދަމް ސިނާހުއަށް މާލޭގެ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އެބަދެއެވެ.
އެކްސިޑެންޓްގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ކޯމާއެއްގައި އޮތް އާދަމް ސިނާހު އައިސީޔޫގައި ފަރުވާ ދެމުންދާއިރު، މިހާތަނަށް ލިބިފައިވާ ކުރިއެރުމަކީ، ނޭވާލާ ނިޒާމު ރަނގަޅަށް މަސައްކަތް ކުރަން ފެށުންކަމަށް، އޭނާގެ ހާލު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް ފާރޫގު މުޙައްމަދު ވިދާޅުވިއެވެ.
“މިހާރު އައިސީޔޫގައި ފަރުވާ ދެމުންދަނީ. މިހާތަނަށް ލިބުނު އެންމެ ހެޔޮ ހަބަރަކީ ސިނާހުގެ ނޭވާލާ ނިޒާމު ރަނގަޅަށް މަސައްކަތް ކުރަން ފެށުން. ނަމަވެސް އެހެން އެއްވެސް ނިޒާމެއް އަދި މަސައްކަތެއް ނުކުރޭ.” އެކްސިޑެންޓްގައި ދުނިޔެ ދޫކުރި އަހުމަދު އިބްރާހިމް އާވެސް ގާތްގުޅުމެއް އޮންނަ ކައުންސިލަރ ފާރޫގު ވިދާޅުވިއެވެ.
އާދަމް ސިނާހު އާއެކު މާލެ އައިސްހުރި އޭނާގެ ބައްޕަ އަހުމަދު އަޒީމް ކުޅުދުއްފުށީ އޮންލައިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސިނާހުގެ ސިކުނޑިއަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން އެއްވެސް ކުރިއެރުމެއް އަދި މިހާތަނަށް ލިބިފައި ނުވާކަމަށެވެ.
ކުޅުދުއްފުށީ ފޭރުގަސްދޮށުގޭ، އުމުރުން 18 އަހަރުގެ އާދަމް ސިނާހް، އިއްޔެ ރޭ ފަތިހުގެ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކުގެ ސަބަބުން ވަނީ ކޯމާ އަކަށް ގޮސްފައެވެ. އޭނާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު މާލެއަށް ގެންދިޔައީ އިއްޔެގެ އިރާކޮޅުގެ ވަގުތެއްގައެވެ. ސިނާހުއަށް ވަނީ އޭރުން ފެށިގެން ރޭ މެންދަމާއި ހަމައަށް އަވަސް ފަރުވާދޭ ކޮޓަރީގައި ފަރުވާ ދީފައެވެ.
ގުޅޭލިޔުން:
ކުޅުދުއްފުށީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ