.
ބަދުރުއްދީން ޙަސަން
ކުޅުދުއްފުށީގައި އިމާރާތްކުރަން ފަށާފައިވާ ރޯހައުސް ތަކަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ރޯހައުސް ހަވާލު ކުރެވޭ ފަރާތްތައް ހޮވުމަށް އެންމެ ފަހުގެ މަރުހަލާގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާކަމުގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒް ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީ އޮންލައިންއަށް މައުލޫމާތު ދެއްވަމުން ރަމީޒު ވިދާޅުވީ، ކުޅުދުއްފުށީގައި މިހާރު ނިމެމުންދާ 125 ރޯހައުސް އަށް ވަރަށް ގިނަފަރާތްތަކުން އެދިފައި ވާކަމަށެވެ. އޭގެ ތެރޭގައި ކުޅުދުއްފުށިން ބޭރު މީހުން ވެސް ގިނަ އަދަދަކަށް ހިމެނިފައި ވާކަން ރަމީޒު ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން، ރޯހައުސް އަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވާ ފަރާތްތަކާއެކު އިންޓަވިއު ކުރެވޭނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
“ރޯހައުސް ހަވާލު ކުރުމަށް ނިންމަންޖެހޭ ކަންތައްތަކުގެ ބޮޑުބައި ވަނީ ނިމިފައި. އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށް ދަނީ.” ރަމީޒު ވިދާޅުވިއެވެ. “ރޯހައުސްތަކަށް ގިނަ ބަޔަކު ކުރިމަތި ލައިފައިވޭ. އޭގެ ތެރޭގައި ރަށުން ބޭރުގެ ގިނަ ބަޔަކުވެސް ހިމެނޭ. ރޯހައުސްތައް ހަވާލު ކުރެވޭނީ އިންޓަވިއު ކުރުމަށްފަހު.”
ކުޅުދުއްފުށިން ދޫކުރުމަށް ނިންމާފައިވާ 125 ރޯހައުސްގެ ތެރެއިން 40 ރޯހައުސް ކުޅުދުއްފުށީގެ ރައްޔިތުންނަށް ހާއްސަ ކުރެވިގެން ދޫކުރުމަށް ނިންމާފައިވާއިރު، އަނެއް 85 ގެއަށް ކުރިމަތި ލުމުގެ ފުރުސަތު ކުޅުދުއްފުށިން ބޭރު މީހުންނަށް ވަނީ ހުޅުވާލައިފައެވެ.
މީގެ ތެރެއިން ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ އުތުރުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާހަވާލު ކުރެވިގެން 25 ގެ އެޅުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
އެޗްޑީސީގެ އޮފިޝަލެއް ކުޅުދުއްފުށީ އޮންލައިންއަށް މައުލޫމާތު ދެއްވި ގޮތުގައި، އެމަސައްކަތް ހަވާލު ކުރެވިފައިވާ 5 ކޮންޓްރެކްޓަރުންގެ ތެރެއިން 2 ކޮންޓްރެކްޓަރ މިހާރު ވަނީ މަސައްކަތުގެ ބޮޑު ބައެއް ނިންމާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އެދެ ކޮންޓްރެކްޓަރުން މިހާރު ކުރަމުން ދަނީ ޓައިލްސް ޖެހުމުގެ މަސައްކަތެވެ. އިތުރު އެއް ކޮންޓްރެކްޓަރ ސީލިންގ ގެ މަސައްކަތް މިހާރު ކުރަމުން އެބަދެއެވެ. އަދި ޖުލައިގެ ކުރިން މީގެ ތެރެއިން ބައެއް ކޮންޓްރެކްޓަރުން މަސައްކަތް މުޅިން ނިންމާލާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުޅުދުއްފުށީގެ ދެކުނުގައި ހަސަނާތު މިސްކިތުގެ ކުރިމަތީގައި، ނޫމަޑި ކުންފުނިން ހަދަމުންދާ 100 ރޯހައުސްގެ ތެރެއިން ޕްރޮޖެކްޓްގެ ބޮޑު ބައެއް މިހާރު ވަނީ މުޅިން ނިމިފައެވެ.