.
އިބްރާހިމް ހަމީދު
ރައީސް ޑރ ވަހީދުގެ ސަރުކާރު ނައިބު ރައީސަށާއި ކެބިނެޓްގެ ހުރިހާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުމާއި ގުޅިގެން ކުޅުދުއްފުށީ ޕީޕީއެމް އިން އުފާފާޅު ކުރުމަށް ހަފުލާއެއް ބާއްވައިފި އެވެ.
ޕީޕީއެމް އިން ބޭއްވި އުފާފާޅުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ ކުޅުދުއްފުށީ ހުޅަނގު ފަރާތުގައި ހުންނަ ޕީޕީއެމްގެ ހޮޅުއަށި ކައިރީގައި އެވެ.
ކުޅުދުއްފުށީ ޕީޕީއެމްގެ ފަރާތުން ވާހަކަ ދެއްކެވި މުހައްމަދު އަލީ ވިދާޅުވީ، މިރޭ ބޭއްވި ހަފުލާއަކީ ޕީޕީއެމް އަށް ސަޕޯޓުކުރާ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަފުލާއެއް ކަމަށެވެ. އަދި ކުޅުދުއްފުށީ ޕީޕީއެމް ގޮފި ރަސްމީކޮށް އިފްތިތާހުކޮށްފައި ނުވިނަމަވެސް އަވަސް މުސްތަގުބަލެއްގައި ކުޅުދުއްފުށީ ގޮފި އިފްތިތާހު ކުރެވިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި އެޕާޓީގެ ކުޅުދުއްފުށީ ގޮފި އިފްތިތާހުކުރުމުން އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާއްވަވާފައިވާ ކަމަށް މުހައްމަދު އަލީ ވިދާޅުވި އެވެ.
މިރޭ އުފާ ފާޅުކުރުމުގެ ގޮތުން ބޮނޑިބަތާއި ބޮޑުބެރުގެ އައިޓަމް ކުރިއަށް ދިޔައިރު މިހަފްލާގައި ޕިޕީއެމަށް ސަޕޯޓްކުރާ ފަރާތްތަކުންނާއި ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ބައިވެރިވެފައި ވެއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބުގެ އިތުރުން ކެބްނިޓަށް އައްޔަންކުރައްވާފައިވާ ހުރިހާ ވަޒީރުންނަށް މުޅި މަޖިލީހުގެ އަޣުލަބިއްޔަތުން ރުހުން ދެއްވާފައި ވެއެވެ.