އިބްރާހިމް ހަމީދު
ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ 2011 ވަނަ އަހަރުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ރޭ ޖަލާލުއްދީން ސްކޫލު ހޯލްގައި ބާއްވައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު މުހައްމަދު ޝާކިރު ޝަރަފުވެރި ކޮށްދެއްވި މިޖަލްސާގައި އެސްކޫލުން 88 ކުދިން އިނާމް ހާސިލް ކޮށްފައި ވެއެވެ. މިދިޔަ އަހަރު އެސްކޫލުން ހުރިހާ ގޮތަކުން އެންމެ މަތީ 10 ނަތީޖާ ހޯދި 11 ދަރިވަރަކު ވަނީ ބެސްޓް އޯލް ރައުންޑްގެ މަގާމު ހޯދާފައި ވެއެވެ.
މިދިޔަ އަހަރު އެސްކޫލުން އެންމެ މޮޅު ދިހަ ނަތީޖާ ހޯދި 11 ދަރިވަރުންނަކީ، އަބްދުއްރަޝީދު އިބްރާހިމް، މުހައްމަދު އަބްދުއްރަހުމާން، ނޫރައްދީން ހަސަން، އުމަރު ޝާލިމް މުހައްމަދު، މުހައްމަދު ޝާފިއު މޫސާ، އައިމިނަތު ނަފްހާ، އައިޝަތު މައިޝާ ނޫރައްދީން، އަޒުމާ މުހައްމަދު، މަރިޔަމް ޔަޝްފާ، ހަތުމާ ހާލިދު އަދި ޝީޒާ މުހައްމަދު، އެވެ.
ރޭގެ ޖަލްސާގައި 2011 ވަނަ އަހަރު ސްކޫލު ހިނގައި ދިޔަ ގޮތުގެ ރިޕޯޓް އިއްވަވައި ދެއްވީ ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް މުހައްމަދު އެވެ. އެ ރިޕޯޓުގައި ސްކޫލުގެ ދަރިވަރުން ހޯދަމުންދާ ކާމިޔާބުތަކުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ. މަރުހަބާ ދެއްނެވުމުގެ ގޮތުން ވާހަކަފުޅުދެއްކެވީ އެސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ހަފީޒާ އަބްދުއްރަހުމާނު އެވެ.
ޖަލްސާގައި އެކިއެކި ގްރޭޑްތަކުގެ ކުދިންނަށް އިނާމް ބައްސަވައި ދެއްވީ އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ އާއި ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދުގެ އިތުރުން މަތި އުތުރު ސަރަހައްދު އެޑިއުކޭޝަން ޔުނިޓްގެ ސްޕްރިންޑެންޓް އިބްރާހިމް ރަޝީދެވެ. އަދި ހާއްސަ ވަނަތަކަށް އިނާމް ބައްސަވައި ދެއްވީ ޝަރަފުވެރި މެހެމާން އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު މުޙައްމަދު ޝާކިރު އެވެ.
ރޭގެ ޖަލްސާގައި ވަނީ ސްކޫލުގެ ޓީޗަރުންގެ ތެރެއިން 100 ޕަސެންޓް ހާޒިރުވި މުވައްޒަފުންނަށްވެސް ސެޓްފިކެޓް ދީފައެވެ. އެސްކޫލުގެ 09 މުވައްޒަފަކުވަނީ ހާޒިރީން 100 ޕަސެންޓް ހޯދައްވައިގެން ސެޓްފިކެޓް ހާސިލްކޮށްފައެވެ. ސެޓްފިކެޓް ބައްސަވައި ދެއްވީ މަތިއުތުރު އެޑިޔުކޭޝަން ޔުނިޓްގެ ސްޕްރިޑެންޓް އިބްރާހިމް ރަޝީދު އެވެ.