.
ހާޝިމް އަބޫބަކުރު
ޗައިލްޑް އެބިޔުސް ޕްރިވެންޝަން ބިހޭވިޔަރ ޗޭންޖް ކެންޕޭންގެ މާސްޓަރ ޕްލޭންއެއް އެކުލަވާލުމަށްޓަކައި ބޭނުންވާ މައުލޫމާތު ހޯދުމުގެގޮތުން މަސައްކަތު ބައްދަލުވުމެއް ކުޅުދުއްފުށީގައި ބާއްވައިފިއެވެ.
ޤައުމީ އިދާރާ ހިންގި އިމާރާތުގެ ހޯލުގައި މިއަދު ބޭއްވި މިމަސައްކަތު ބައްދަލުވުމުގައި ކުޅުދުއްފުށީގައި އާއި މި ސަރަހައްދުގައި ދިމާވާ ކުޑަކުދިންނަށް ދެވޭ ތަފާތު އަނިޔާތަކުގެ މައްސަލަތަކަކީ ކޮބައިތޯ އާއި، ކުޑަކުދިންނަށް ދިމާވާ މިފަދަ ކަންކަމުން އެކުދިން ސަލާމަތްކުރުމަށް މަސައްކަތްކުރުމަށް މި މުޖުތަމައު އެކިއެކި މުއައްސަސާތަކުގައި މިހާރު ހުރި ވަސީލަތްތަކަކީ ކޮބައިތޯ އާއި އަދި ކަމާގުޅޭ މުއައްސަސާތަކުގެ ހިއްސާއާއި އެކު މިފަދަ ކަންކަން ހައްލުކުރުމަށް ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބެލިފައިވާކަމަށް ޔުނިސެފް އާއި ޑީ.ޖީ.އެފް.ސީ.އެސް ގެ މިޕްރޮޖެކްޓް ހިންގާ މޫއިންކް ޕްރައިވެޓް ލިމިޓެޑް މާކެޓިންގ އެންޑް ކޮމިއުނިކޭޝަން ކޮންޓަލްޓެންސީން މައުލޫމާތު ދެއްވައެވެ.
ކުޅުދުއްފުށީގެ ސްކޫލް މަދަރުސާތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި، ޕޮލިސް ސަރވިސަސް، ކައުންސިލްތަކާއި ޕަބްލިކް ހެލްތް ސެކްޓަރ އާއި ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރ ފަދަ ތަފާތު މުއައްސަސާތަކުން ބައިވެރިވި މި މަސައްކަތު ބައްދަލުވުމާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން މޫއިންކް ޕްރައިވެޓް ލިމިޓެޑްގެ މާކެޓިންގ ކޮންސަލްޓެންޓް އަލްފާޟިލް ޢަލީ ސައީދު ވިދާޅުވިގޮތުގައި މި މަސައްކަތު ބައްދަލުވުމުގެ ބޭނުމަކީ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހުރިހާ މުއައްސަސާތަކެއް އެކުގައި މަސައްކަތްކޮށްގެން އެ މުޖުތަމައެއްގައި ހުރި މިފަދަ މައްސަލަތަކަށް އެމުޖުތަމައަކުން އަމިއްލައަށް ހައްލުހޯދާނެ ގޮތް ބަލައި އެކަމަށްޓަކައި ޤައުމީ ފެންވަރުގެ ޕްލޭނެއް ތައްޔާރުކުރުމެވެ.
“ބޭނުންވަނީ ކޮންމެ ކޮމިއުނިޓީއެއްގަވެސް ކޮންމެ ރަށެއްގައި ވެސް ހުންނާނީ އެބަޔަކަށް ނިސްބަތްވާ މައްސަލަތަކެއްކަން އެނގިގެން، އެ މައްސަލަތަކަށް އެންމެ ރަނގަޅު ހައްލު ދެވޭނީ އެ ކޮމިއުނިޓީއަކުންކަން ދެނެގަތުން. އަދި އެކަންތައް ކުރުމަށް ނޭޝަނަލް ލެވެލްއެއްގައި ޤާއިމްކުރެވޭނީ ކޮންކަހަލަ އިންފްރާ ސްޓްރަކްޗަރއެއްތޯ ނުވަތަ ޕްލޭނެއްތޯ ބެލުން”
މި މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މޫއިންކް ޕްރައިވެޓް ލިމިޓެޑްއިން ކުރަމުން ގެންދާތާ 1 އަހަރުވެފައިވާއިރު، މި ފިޔަވަހީގައި ރާއްޖޭގެ މެދު އަދި ދެކުނު ހިމެނޭގޮތަށް 3 ޕްރޮވިންސްއެއްގައި މައުލޫމާތު ހޯދުމުގެ މަސައްކަތްތަކެއް އެފަރާތުން ކޮށްފައިވެއެވެ.