.
ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ކުޅުދުއްފުއްޓަށް ވަޑައިގެން ޝަހީދު ހުސައިން އާދަމްގެ މައިންބަފައިންނާ ބައްދަލުކުރައްވާ އެބޭފުޅުންގެ ހާލު ބައްލަވާލައްވައިފި އެވެ.
ޑިފެންސް މިނިސްޓަރ ނޯދަން އޭރިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެން ޝަހީދު ކޯޕްރަލް ހުސައިން އާދަމްގެ މަންމަ އާއި ބައްޕައާ ބައްދަލުކުރެއްވުމުގެ އިތުރުން އެ ގޭގައި ބާއްވާފައި އޮންނަ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއި ކުރައްވާފައި ވެއެވެ.
ޑިފެންސް މިނިސްޓަރގެ މި ދަތުރުފުޅުގައި މިއަދު ކުޅުދުއްފުށީ ސިފައިންގެ ޕޯސްޓަށް ޒިޔާރާތްކުރައްވައި، އެ ޕޯސްޓްގެ ސިފައިންނާ ބައްދަލުކޮށްފައި ވެއެވެ. މިބައްދަލުކުރެއްވުމުގައި ސިފައިންނަކީ އަބަދުވެސް ވަރަށް އެކުވެރިކަމާއި އެއްބައިވަންތަ ބައެއްގެ ގޮތުގައި ފެނިގެންދާން ޖެހޭނެ ބައެއް ކަމަށާއި، ސިފައިންގެ ފަރާތުން އަބަދުވެސް ވަރަށް ރަނގަޅު ޑިސިޕްލިންގއެއް ފެންނަން ޖެހޭނެ ކަމަށް ޑިފެންސް މިނިސްޓަރ ފާހަގަ ކުރެއްވެވިއެވެ. އަދި ނޮދަން އޭރިއާގެ ސިފައިން ފާހަގަ ކުރެވިފައި ވަނީ އެ އެކުވެރިކަމާއި އެއްބައިވަންތަކަން ވަރަށް ބޮޑަށް ފެންނަމުންދާ ބައެއްގެ ގޮތުގައި ކަމަށް ވިދާޅުވެ ހަވާލުކުރެވޭ ޓާސްކުތައް އެ އޭރިއާގެ ސިފައިން ވަރަށް ފުރިހަމައަށް އަދާކުރަމުންދާކަން ފާހަގަކުރެއްވޭ ކަމަށް ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި މިދަތުރުފުޅުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް އާއި އެމްއެންޑީއެފް ނޮދަން އޭރިއާގެ ޑެޕިޔުޓީ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުހުރީ ބައިވެރިވެވަޑައިގަންނަވައެވެ.