.
އިބްރާހިމް ހަމީދު
ހދ. އަތޮޅު ކައުންސިލުން ކުޅުދުއްފުށީގައި ދަތުރު ހިޔަލެއް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މިއަދު ހަވީރު ކުޅުދުއްފުށީ ލޯކަލް ބަނދަރުގައި ކައުންސިލުން އަޅާ ދަތުރުގެ ހިޔަލުގެ ބިންގާ އަޅުއްވައި ދެއްވީ ހދ. އަތޮޅުކައުންސިލްގެ ރައީސް މުހައްމަދު ޝުކޫރާއި އަތޮޅުކައުންސިލްގެ މެމްބަރުންނާއި ކުޅުދުއްފުށީގައި ހުރި ބައެއް ސަރުކާރު އޮފީސްތަކުގެ ވެރިންނެވެ.
އަތޮޅުކައުންސިލްގެ މެމްބަރު އަދި މީޑިއާ ކޯޑިނޭޓަރު އަލީ މުހައްމަދު ވިދާޅުވީ، މިއަދު ކުޅުދުއްފުށީ ލޯކަލް ބަނދަރުގައި ބިންގާ އެޅުނު ދަތުރު ހިޔަލަކީ ކުޅުދުއްފުއްޓަށް އަންނަ ދަތުރުވެރިންނަށް އެޅޭ ދަތުރު ހިޔަލެއް ކަމަށެވެ. އަދި ހާއްސަކޮށް މަތިއުތުރު ސަރަހައްދުގެ ތިން އަތޮޅުގެ ރައްޔިތުން ކުޅުދުއްފުއްޓަށް އައިސް ބަނދަރުމަތީގައި މަޑުކޮށްލައިގެން ތިބެވޭނެ ގޮތެއްނެތުމުގެ ސަބަބުން އަތޮޅު ކައުންސިލްގެ މާލިއްޔަތުން ހަރަދު ކޮށްގެން ބިންގާ އެޅުނު ދަތުރު ހިޔަލެއް ކަމަށެވެ.
“ދަތުރު ހިޔަލެއް އެޅުމަށް ތިން ފަހަރެއްގެ މަތިން އަތޮޅު ކައުންސިލުން އިއުލާން ވާނީ ކުރެވިފައި. އިއުލާން ކުރުމުން ވަރަށް ބޮޑުތަރުހީބެއް ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ފަރާތްތަކުން ލިބިފައިވޭ. ތިންވަނަފަހަރު އިއުލާން ކުރުމުން ދަތުރުހިޔާއެޅުމަށް އެންމެ ކުޑައަގެއް ހުށައަޅުއްވާފައިވަނީ އިލެކްޓްރިކް ރިޕެއަރިން ސާވީސްގެ ފަރާތުން. އެކުންފުނިން ހުށައަޅާފައިވަނީ ތިންލައްކަ ނުވަދިހަހާސް ރުފިޔާ.” އަލީ މުހައްމަދު ވިދާޅުވި އެވެ.
ދެ މަސް ދުވަހުގެ މުއްދަތުން ނިންމުމަށް ކޮންޓްރެކްޓް ކުރެވިފައިވާ މިދަތުރު ހިޔަލުގައި ދެފާހާނާ އާއި ކުޑަކުދިންގެ ބޭނުންތަކަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
ދަތުރުހިޔާ އެޅުމުގެ ކޮންޓްރެކްޓް ހަވާލުކުރެވިފައިވާ އައިލެންޑް އިލެކްޓްރިކް ރިޕެއަރ ސާވިސްގެ ފަރާތުން އަބްދުއްރަހްމާން އިސްމާއީލް ވިދާޅުވީ، އެއްވެސް ކަހަލަ މައްސަލެއް ނުޖެހި މަސައްކަތް ކުރިއަށްދާ ނަމަ މުއްދަތަށް ވުރެ އެއް މަސް ދުވަސް ކުރިން އިމާރާތުގެ މަސައްކަތް ނިންމުމަށްފަހު ކައުންސިލާއި ހަވާލުކުރާނެ ކަމަށެވެ.