.
ބަދުރުއްދީން ހަސަން
ކުރީގެ ސަރުކާރުން ކުޅުދުއްފުއްޓާއި މަތިއުތުރުގެ ސަރަހައްދުގައި ހިންގުމަށް ރާވާފައިވާ 21 ޕްރޮޖެކްޓެއްގެ މަސައްކަތް ހުއްޓުމަކަށް އައީ އެޕްރޮޖެކްޓް ތަކުގެ ކޮންސެޕްޓް ޑިޒައިންތައް ވެސް ނިމިފައި ވަނިކޮށް ކަމަށް ކުޅުދުއްފުށި ކައުންސިލް އިން ބުނެފިއެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒު ކުޅުދުއްފުށީ އޮންލައިން އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައި ވަނީ، ހުރިހާ ޕްރޮޖެކްޓެއްހެން މަސައްކަތް ތަކުގެ ކޮންސެޕްޓް ޑިޒައިނިންގ ނިމިފައި ހުރިކަމަށާއި، މިހާރު އެމަސައްކަތްތައް ހުއްޓިފައި ވާކަމަށެވެ. ނަމަވެސް އެމަސައްކަތްތައް ހުއްޓިފައި ހުރިކަމުގައި ވިޔަސް، އެޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭތޯ ކައުންސިލްގެ މެންޑޭޓްގެ ތެރެއިން މަސައްކަތްތައް ކުރަމުން ދާކަމަށެވެ.
“އަތޮޅު ކައުންސިލް އާއި މަޝްވަރާ ކުރަމުން މިދަނީ ކުރިއަށް ގެންދެވޭނެ ގޮތަކާބެހޭގޮތުން. ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން ރަށު ކައުންސިލް އިން އަތޮޅު ކައުންސިލް އާ މަޝްވަރާ ކުރަން ޖެހޭ.” ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒު ވިދާޅުވިއެވެ.
ކައުންސިލް އިން މަޢުލޫމާތު ދެއްވިގޮތުގައި އެ 21 ޕްރޮޖެކްޓްގެ ތެރޭގައި، ކުޅުދުއްފުށީގައި 10 ކިލޯ މީޓަރުގެ މަގު ރަނގަޅު ފެންވަރަކަށް ހެދުމާއި، އިންޓަނޭޝަނަލް ޕޯޓް އަޕްގްރޭޑް ކުރުމާއި، ލޯކަލް އަދި އިންޓަނޭޝަނަލް ފެރީ ޓާމިނަލް ހެދުމާއި، ގެސްޓުހައުސް އެޅުމާއި، ބީޗް ސްޕޯޓްސް ސަރަހައްދެއް ތަރައްގީ ކުރުމާއި، ކުޅިވަރު ކުޅޭ ބިންތައް ތަރައްގީ ކުރުމާއި، ކުޅުދުއްފުށީ “ކޮރަލްސް ދަނޑު” ފެންވަރު ރަނގަޅަށް ހެދުމާއި، ސްކޫލުތަކުގެ ޖާގަ އިތުރު ޖާގަ އިތުރުކުރުމާއި އިތުރު 2 ޕްރީ ސްކޫލު ހެދުމާއި، ހޮސްޕިޓަލް ތަރައްގީ ކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން މަތި އުތުރު ސަރަހައްދުގެ ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުންވެސް ހިމެނެއެވެ.
މި ޕްރޮޖެކްޓް ތަކަށް ފަންޑު ހޯދަނީ ކިހެނެއްތޯ ސުވާލު ކުރުމުން ކައުންސިލް ގެ ރައީސް ވިދާޅުވީ، ފަންޑް ކުރެވޭނެ ގޮތްތައް ވެސް ހުރީ ހަމަޖެހިފައި ކަމަށެވެ. އެގޮތުން މީގެ ތެރެއިން ބައެއް ޕްރޮޖެކްޓްތައް އެޕްރޮޖެކްޓެއް ހިމެނޭ ދާއިރާތަކުން ކުރިއަށް ގެންދާ ގޮތަށް ރޭވިފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.
“މިސާލަކަށް ޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކުޅުދުއްފުށީ ޕޯޓް ލިމިޓެޑުން. ގެސްޓްހައުސް އަޅާނީ ކޭޑީސީ (ކުޅުދުއްފުށި ޑިވެލޮޕްމަންޓް ކޯޕަރޭޝަން) އިން. އިތުރު ފަންޑިން ސަރުކާރުގެ މިއަހަރަށް ފާސްކުރި ބަޖެޓުގެ ތެރެއިންނާއި މިނިސްޓްރީ ތަކުގެ ބަޖެޓުގެ ތެރެއިން. އަދި މީގެ އިތުރުން ކޮންޓްރެކްޓަރ ފައިނޭންސް ގެ ތެރެއިން ވެސް ހިންގޭނެ” ރަމީޒު މިދާޅުވިއެވެ.
ރަމީޒު ފާހަގަ ކުރެއްވި ގޮތުގައި މި ޕްރޮޖެކްޓް ތަކަކީ ކައުންސިލް އިން ޕްރޮޕޯސްކުރި ބައެއް ޕްރޮޖެކްޓްތަކާއި ސަރުކާރުން “ހިފައިގެން އައި” ޕްރޮޖެކްޓްތަކެއް ހިމެނޭ ޕެކޭޖެކެވެ. ޕްރޮޖެކްޓްތައް ފެށުން ލަސްވި ކަމުގައި ވިޔަސް، މިޕްރޮޖެކްޓްތައް ވަރަށް އަވަހަށް ފަށައި، ވީހާވެސް އަވަހަކަށް ނިންމާލުމަކީ ވަރަށް ބޮޑު އުއްމީދެކެވެ.
“ފެށުން މިވަނީ ލަސްވެފައި. ނަމަވެސް އަޅުގަނޑު ގަބޫލެއް ނުކުރަން މި ހުއްޓުނީ ކަމަކަށް. ކުރިއަށް ދާނެ މިޕްރޮޖެކްޓްތައް.”