.
އިބްރާހިމް ހަމީދު
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކް މާދަމާ ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެ އެވެ.
ތިލަދުންމަތީގެ ރަށްތަކަށް މިހާރު ރައީސް ވަހީދު ކުރަށްވަމުން ގެންދަވާ ރަސްމީދަތުރުފުޅުގައި، މާދަމާ ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މެންދުރު 11:45 ގައެވެ. މާދަމާ ކުޅުދުއްފުއްޓަށް ވަޑައިގެން އެސްޓީއޯ އިން ކުޅުދުއްފުށީ ގައި ހުޅުވާފައިވާ އެސްޓީއޯ ބޭސްފިހާރަ ރަސްމީކޮށް ހުޅުވައި ދެއްވާނެ އެވެ. އަދި ރައްޔިތުންނާއި ބައްދަލު ކުރުމަށް ތިލަދެކުނު ސިނަމާގައި ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ތިލަދުންމައްޗަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު އިއްޔެ ވަނީ ހދ، ހިރިމަރަދޫ އަށާއި ހަނިމާދޫ އަށް ދަތުރު ކޮށްފައެވެ. އަދި މިއަދު ވަނީ ހދ. ނޮޅިވަރަމަށާއި ނޮޅިވަރަންފަރަށް ދަތުރު ކުރަށްވާ ރައްޔިތުންނާ ބައްދަލު ކުރަށްވާފައެވެ. މިދަތުރުފުޅުގައި ސަރުކާރުގެ ބައެއް ވުޒާރާތަކުގެ މިނިސްޓަރުންނާއި މަޖިލީހުގެ މެމްބަރުން ބައިވެރިވެލައްވައެވެ. ލޯންޗް ގާތްކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ޕޯޓް ލިމިޓެޑްގެ ބަނދަރަށް ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.