.
އެސްޓީއޯ އިން ކުޅުދުއްފުށީގައި އިމާރާތް ކޮށްފައިވާ އެސްޓީއޯ ބޭސްފިހާރަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކް ރަސްމީކޮށް ހުޅުއްވައި ދެއްވައިފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިރުއުތުރު ކަންމަތީގައި އިމާރާތްކޮށް މިހާރު ޚިދުމަތް ދޭންފަށާފައިވާ އެސްޓީއޯ ބޭސްފިހާރަ ރަސްމީކޮށް ހުޅުއްވައި ދެއްވަމުން ދެއްކެވި ވާހަކަފުޅުގައި، އެސްޓީއޯގެ ބޭސްފިހާރައިގެ ސަބަބުން ކުޅުދުއްފުށީގެ ރައްޔިތުންގެ އިތުރުން ސަރަހައްދުގެ އެހެން ރަށްރަށުގެ މީހުންނަށް ބޭސްލިބުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަން ފާހަގަ ކުރެއްވި އެވެ. އަދި ކައިރި ރަށްރަށުގެ ބޭސްފިހާރަ ތަކަށާއި ސިއްހީ މަރުކަޒުތަކަށް ފަސޭހައިން ބޭސް ސަޕްލައި ކުރެވޭނެ ކަންވެސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވަހީދު ގެ ވާހަކަފުޅުގައި ވިދާޅުވީ، އެމަނިކުފާނުގެ އެދުމަކީ ބޭސްފިހާރަ ބަންދުކޮށްފައި ހުންނަ ގަޑިތަކުގައި ވެސް ރައްޔިތުންނަށް ދަތިނުވާނެހެން ބޭސް ލިބޭނެ ކޮންމެވެސް އިންތިޒާމެއް ހަމަޖައްސަވައި ދެއްވުން ކަމަށެވެ.
މިރަސްމިއްޔާތުގައި އެސްޓީއޯގެ މޭނޭޖިންގ ޑިރެކްޓަރ ޝާހިދު ޢަލީ އާއި ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު އާއި ހޯމް މިނިސްޓަރ ޑރ. މުހައްމަދު ޖަމީލު އަހުމަދު އަދި އެކޮނޮމިކް މިނިސްޓަރ އަހުމަދު މުހައްމަދު ބައިވެރިވެލެއްވިއެވެ.
އެސްޓީއޯގެ ބޭސްފިހާރަ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވި ގަޑީގައި އެމްޑީޕީގެ ސަޕޯޓަރުން ވަނީ އެސަރަހައްދަށް އެއްވެ މުޒާހަރާ ކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ އެމީހުން އެސަރަހައްދާ ސަތޭކަ މީޓަރެއްހައިތަން ފަހަތަށް ޖަހައްސައި ބެރިކޭޑް ޖަހައި މަގު ބަންދުކޮށްފައެވެ. ނަމަވެސް އޭރުވެސް އެމްޑީޕީގެ ސަޕޯޓަރުން ދިޔައީ އަޑުގަދަކޮށް ލަވަޖަހަމުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެސްޓީއޯ ބޭސްފިހާރަ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ، ބޭސްފިހާރަ އާދިމާލު މަގުމަތީގައެވެ. ނަމަވެސް ފަހުން ބޭސްފިހާރަ ހުޅުއްވައި ދެއްވުމަށް ރައީސް ވަޑައިގެންނެވީ ހޮސްޕިޓަލްގެ ގޯތި ތެރޭގެ ސަރަހައްދުންނެވެ.