.
ހާޝިމް އަބޫބަކުރު
ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ކުޅިވަރު ޙަރަކާތްތަކެއް އިއްޔެ ހަވީރު ބާއްވައިފިއެވެ.
އަތޮޅު ކައުންސިލްގެ އިދާރާގެ މުއައްޒަފުންނާއި ކުރީގެ ޤައުމީ އިދާރާގައި މަސައްކަތްކުރި މުއައްޒަފުނާއި ގުޅިގެން ޒޯން ސްޓޭޑިއަމްގައި ބޭއްވި މި ކުޅިވަރުތަކުގެ ތެރޭގައި ފިރިހެން މުއައްޒަފުންގެ މެދުގައި ކުޅުނު 6 އަ ސައިޑް ފުޓްބޯޅަ މެޗަކާއި، އަންހެން މުއައްޒަފުންގެ މެދުގައި ކުޅުނު ރަގްބީ މެޗެއްގެ އިތުރުން އަންހެން ފިރިހެން އެއްކޮށް ދަނޑިރޭހެއްވެސް ވަނީ ޖަހާފައެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ރައީސް އަލްފާޟިލް ޖަމްޝީދު މުހައްމަދު ޝަރަފްވެރިކޮށްދެއްވި މި ހަވީރާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަތޮޅު ކައުންސިލް އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރ އަލްފާޟިލް އަހްމަދު އިމާދު ވިދާޅުވި ގޮތުގައި މިހަވީރަކީ އަހަރީދުވަހާއި ގުޅުވައިގެން އެ އިދާރާގެ މުއައްޒަފުންގެ މެދުގައި އޮންނަ އެކުވެރިކަން އަލާކުރުމުގެ އިތުރުން ސިވިލްސަރވިސް އޯޕަންޑޭ ފާހަގަކުރުމުގެ ހަރަކާތެއްގެ ގޮތުގައި ބޭއްވުނު ހަވީރެކެވެ.
“ހަޤީގަތުގައި މިގޮތަށް ކުޅިވަރުތަކެއް ބޭއްވުމުގެ މަޤުސަދަކީވެސް މުއައްޒަފުންގެ މެދުގައި (އޮންނަ) އެކުވެރިކަމާއި އެއްބައިވަންތަކަށް ރަނގަޅުކުރުން. އެކަން ވަރަށް ރަނގަޅަށް ހާސިލް ވެއްޖެ.”
އިއްޔެ ބޭއްވުނު މި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން އަހަރީ ދުވަހާއި ގުޅުވައިގެން ޚާއްސަ ހަފްލާއެއް މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ހަފްލާގައި އަހަރީ ދުވަހުގެ ކޭކުފެޅުން ވެސް އޮންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކުރީގެ އަތޮޅު އޮފީސް 1992 ވަނަ އަހަރު ކުޅުދުއްފުއްޓަށް ބަދަލުކުރި ތާރީޚްކަމުގައިވާ މޭމަހުގެ 6 ވަނަ ދުވަހެވެ.