ފެބްރުއަރީ 7 ވަނަ ދުވަހުގެ ހާދިސާ އެގޮތަށް ނުހިނގިނަމަ ދިވެހިރާއްޖޭގެ ޖުޑިޝަރީ ނެތުނީސް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. ވަހީދު މިހެން ވިދާޅުވީ މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އެވެ. ރައީސް ވިދާޅުވީ ފެބްރުއަރީ 7 ގައި އޭރުގެ ސަރުކާރުން ރާވާފައި އޮތީ ޖުޑިޝަރީ ހަލާކުކޮށްލަން ކަމަށާއި އޭރު އޮތީ ދަށު ކޯޓުތަކުން 60 މީހަކު ހައްޔަރުކުރުމަށް ލިސްޓެއް ތައްޔާރުކޮށް ފުލުހުންނަށް ފޮނުވާފައި ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހަޅާފައި އޮތްކަމަށް ވެސް ޑރ. ވަހީދު ވިދާޅުވި އެވެ.
ރައީސް ޑރ. ވަހީދު ކުޅުދުއްފުއްޓަށް މިއަދު ކުރެއްވި ދަތުރުފުޅުގައި ކުޅުދުއްފުށީ ރައްޔިތުންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ކުޅުދުއްފުށީގައި ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިި އެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް ކުޅުދުއްފުށީގެ މަގުތައް ހެދޭނެކަމަށް ވިދާޅުވި އެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
“… މިއަހަރު ނިމުމުގެ ކުރިން، ތި މަގުވެސް (އަމީނީމަގުގެ މަސައްކަތް) ހަދާ ނިމޭނެ. އަދި ދެންމެ ތިޔަ އެދިވަޑައިގެންނެވި ފަދައިން، މިރަށުގައި ހުރި ރީޖަނަލް ހޮސްޕިޓަލްވެސް، މިހާރަށްވުރެ ރަނގަޅުކުރެވި، އެތާނގައި ބްލަޑް ބޭންކެއް ޤާއިމްކޮށް، އެތާނގެ އައި.ސީ.ޔޫ ރަނގަޅުކޮށް، އެތަނަށް ގެންނަންޖެހޭ އިޞްލާޙުތައް އަޅުގަނޑުމެން ގެންނާނަން.” ރައީސް ޑރ. ވަހީދު ވިދާޅުވި އެވެ.
“ތިޔަ ހުރިހާ ބޭފުޅުންވެސް ތިއްބަވާނީ ސަރުކާރުގެ ފަރާތުން ފަށްޓާފައި ހުރި މަޝްރޫޢުތައް ބާރުމިނެއްގައި ކުރިއަށް ދިޔުމަށް ބޭނުންވެލައްވާފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑު ދަންނަވަން، އަޅުގަނޑުމެންނަށް ހަމަ ވެވެންހުރި އެންމެ އަވަހަކަށް އެކަންކަން ކުރިއަށް ގެންދާނަން. އެގޮތުން އަޅުގަނޑު ވާނީ ރޯޑް ކޮންސްޓްރަކްޝަން ކުންފުނީގެ ބޯޑް އެކުލަވާލާފައި. އެހެންވީމާ، އެބޯޑުގެ ބެއްލެވުމުގެ ދަށުން ތިޔަބޭފުޅުން ތިބޭނުންފުޅުވާ މަގުތައް ހެދުމުގެ މަސައްކަތް މިހާރު ދެން އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް ހަމަ ފެށިގެން ކުރިއަށް ވަރަށް ބާރަށް ދާނެއޭ. ދެން އެހެންވެސް މަޝްރޫޢުތައް އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ރަނގަޅަށް ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް އަރުވަން.” ޑރ. ވަހީދު ވިދާޅުވި އެވެ.
ރައީސް ޑރ. ވަހީދު ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްގެން ހަދާފައި ހުންނަ ތަންތަން ވަކިބަޔަކަށް ނާޖާއިޒް ގޮތެއްގައި ބަހާލިޔަކަ ނުދެއްވާނެ ކަމަށެވެ. ރައީސް މިހެން ވިދާޅުވީ ކުޅުދުއްފުށީގައި އަލަށް ހިއްކި ސަރަހައްދު ކުރީ ސަރުކާރުން ވަކި ކުންފުންޏެއް ހަދާ އެކުންފުންޏާ އެބިން ހަވާލުކުރި ކުރުމަށް ވާހަކަފުޅު ދައްކަވަމުން ނެވެ. ރައީސް ވިދާޅުވީ، ރައްޔިތުންނާ އެއްވެސް މަޝްވަރާކުރުމެއްނެތި ބިން ހިއްކުމަށްފަހު ދެންވެސް އުޅުނީ އެތަން އޭރުގެ ވެރިންގެ ގާތް ރަހުމަތްތެރިންނަށާއި ރަށްޓެހިންނަށް ބަހާލުމަށްކަމަށެވެ.
“… ތަންތަނުން ލޯނު ނަގައިގެން އައިސް، މިރަށުގެ ފަޅުތެރެއަށް ވެލި އަޅާލައިފި. ހަމަ އެކެއް ކައިރީގައިވެސް އަހާނުލާ. ކުއްލިއަކަށް މިފެނުނީ، ހޮސްޕިޓަލް މާދުރުގައި ހުރިތަން. ނޫނީވިއްޔާ ދޯނި އަޅާނެ ތަނެއް ނެތްތަން. އެކަމަކު ރައްޔިތުން ކައިރީގައި ކީއްތޯވާނީ އަހާލިއްޔާ. ޑިމޮކްރެޓިކް ވެރިކަމެއް މިއައީ، ރައްޔިތުންނާ މަޝްވަރާކޮށްގެން، ކަންކަން ނިންމާނަމޭ ކިޔާފައޭ. އެކަމަކު ކާކާތޯ މަޝްވަރާކުރީ. މަޝްވަރާއެއް ނުކުރެއޭ. ދެންވެސް އެތަން ބަހަންވެގެން މިއުޅެނީ، އެމީހުންގެ ރަޙްމަތްތެރިންނަށާއި، ރައްޓެހިންނަށާ އެތަން ލިބޭގޮތަށް ކުންފުނި ހަދައިގެން. ރައްޔިތުންގެ ފައިސާ ޚަރަދުކޮށްގެން ހަދާފައި ހުންނަ ތަންތަން، ވަކިބަޔަކަށް ނާޖާއިޒު ގޮތުގައި ފައިދާ ނެގޭގޮތަކަށް ބަހާލިޔަކަ އަޅުގަނޑުމެން ނުދޭނަން. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، އިރާދަކުރެއްވިއްޔާ، ރައްޔިތުންގެ އަރިހުގައި މަޝްވަރާކޮށްގެން، ތިޔަބޭފުޅުން ބޭނުންފުޅުވާ ގޮތަކަށް ނޫނިއްޔަކާ، އެ ފަސްގަނޑަކަށް ކަމެއް ނުކުރާނަމޭ.” ރައީސް ވިދާޅުވި އެވެ.
މިއަދު ހަވީރު ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި ބޭއްވި މިޖަލްސާއަށް މިސަރުކާރަށް ތާއީދުކުރާ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވި އެވެ. އަދި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ހދ އަތޮޅު ކައުންސިލުގެ ކުރީގެ ރައީސް އަދި ކުޅުދުއްފުށީގެ ކައުންސިލަރަކަށް ރައީސް ނަޝީދު އައްޔަންކުރެއްވި އާދަމް ވަހީދު ބައިވެރިވެވަޑައިގަތެވެ. މިޖަލްސާގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަތެވެ.