.
ރެޑް ބުލް ސްޓްރީޓް ސްޓައިލް ފުރަތަމަ މުބާރާތުގައި ވޯލްޑް ޗެމްޕިއަންކަން ހޯދި ސިއާން ގާނިއޭ އޭނާގެ ސްޓްރީޓް ސްޓައިލްގެ ހުނަރު މިއަދު ކުޅުދުއްފުށީގައި ދައްކާލައިފި އެވެ.
ރެޑް ބުލް ރާއްޖޭގައި މާކެޓްކުރާ ޔޫރޯ މާކެޓިންގެ ފަރާތުން އިންތިޒާމުކޮށްގެން މިއަދު ހަވީރު ކުޅުދުއްފުށީގައި ކުރިއަށްދިޔަ ޝޯގައި ސިއާން ގާނިއޭގެ އިތުރުން ފްރާންސްގެ މަޝްހޫރު އަންހެން ފްރީ ސްޓައިލް ފުޓްބޯލާއެއް ކަމަށްވާ ސޭންޑީ ލަވީޓާސް (ބޭމްބީބޯލް) ގެ ހުނަރުތައް ވެސް ދައްކާލުން ކުރިއަށް ދިޔައެވެ.
ރެޑް ބުލް ސްޓްރީޓް ސްޓައިލް ޝޯ ކުރިއަށް ގެންދިއުމަށްޓަކައި ޝޯން އާއި ބޭމްބީބޯލް މިއަދު ކުޅުދުއްފުއްޓަށް އައީ މެންދުރު ފަހުގެ ވަގުތެއްގައި އެވެ. އެ ދެމީހުންނަށް ކުޅުދުއްފުށިން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު މިއަދު ހަވީރު ބޭއްވި ޝޯ ބަލާލުމަށްޓަކައި ކުޅުދުއްފުށީގެ އެކި އުމުރުފުރާގެ ގިނަ އަދަދެއްގެ ބަޔަކު ހިއްކި ސަރަހައްދަށް ދިޔައެވެ.
ސްޓްރީޓް ސްޓައިލް ޝޯ ކުރިއަށް ދިޔަ ވަގުތު އެތަނަށް ދިޔަ ބައެއް ކުދިން ވެސް އެމީހުންނާއެކު ހުނަރުތައް ދައްކާލިއެވެ. އަދި، ޝޯ ކުރިއަށް ދިޔަ ވަގުތު ރެޑް ބުލް އެނާޖީ ޑްރިންކް ބަހާފައިވާއިރު ޝޯ އަށް ކުޅުދުއްފުށިން ވަރަށް ބޮޑު ސަޕޯޓެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
ރެޑް ބުލް ރާއްޖޭގައި މާކެޓް ކުރާ ޔޫރޯ މާކެޓިން އިން ބުނީ މިއަހަރުގެ ތެރޭ މިފަދަ އެހެން ޝޯއެއް ކުޅުދުއްފުށީގައި ބޭއްވުމަށް ގަސްދުކުރައްވާ ކަމަށެވެ.
ޚަބަރާގުޅޭ ފޮޓޯ ބެއްލެވުމަށް ކުޅުދުއްފުށި އޮންލައިން ފޭސްބުކް ޕޭޖް އަށް ދިއުމަށް ކްލިކް ކުރަށްވާ