މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އިން ކުޅުދުއްފުށީގައި ހިންގަމުން އަންނަ ކޯސްތައް ހިންގުމަށްޓަކައި ހދ އަތޮޅު އަތޮޅުގެ އެ އެކަޑަމީ އަށް ދީފައިވަނީ ނިމިދިޔަ 2011 ވަނަ އަހަރުގެ ތެރޭގައި އެވެ. ކުއްލި ގޮތަކަށް ލިބުނު ހަބަރަކީ، ހދ އަތޮޅު އަތޮޅުގެ ދިގު މުއްދަތަކަށް މެރިޓައިމް އެކަޑަމީ އަށް ދޭން އުޅޭ ވާހަކަތަކެވެ. އެދުވަސްވަރު އަތޮޅު ކައުންސިލަކުން ވެސް އަދި އެހެން އެއްވެސް ފަރާތަކުން ވެސް އެކަމާބެހޭ ގޮތުން މާގިނަ ވާހަކަތަކެއް ނުދައްކައެވެ.
ނިމިދިޔަ ސަރުކާރުން މެރިޓައިމް އެކަޑަމީ އަށް ހދ އަތޮޅުގެ ދީފައިވަނީ 25 އަހަރު ދުވަހަށެވެ. އޭގެ ކުރީ ސަރުކާރުން ރަނގަޅު ފެންވަރަކަށް ހަދާފައި ހުރި ހދ އަތޮޅު އަތޮޅުގޭގެ ތިލަދޫ ކިޔާ އިމާރާތް ފިޔަވައި މުޅި އަތޮޅުގެ މެރިޓައިމް އެކަޑަމީ އަށް ދީފައިވަނީ ފުރަތަމަ ދެ އަހަރު ކުލި ދައްކަން ނުޖެހޭ ގޮތަކަށެވެ. އަދި 2 އަހަރު ފަހުން ދައްކަންޖެހޭ ކުލީގެ އަދަދުވެސް ކުއްޔަށް ހިފި އިރު އެފަރާތަކަށް ނޭގެއެވެ.
ކުލި ދައްކަންޖެހޭ ގޮތާ ބެހޭގޮތުން މެރިޓައިމް އެކަޑަމީގެ ސީއީއޯ އާދިލް ރަޝީދު ވިދާޅުވީ، އަތޮޅުގެއަށް ދައްކަންޖެހޭ ކުލި ކަނޑައަޅާނީ ހދ އަތޮޅު ކައުންސިލާ މަޝްވަރާކުރުމަށްފަހުގައި ކަމަށް އެ އެކަޑަމީ އާއި ސަރުކާރާ ދެމެދު އޭރު ވެވުނު އެއްބަސްވުމުގައި ވާކަމަށެވެ. އަދި ފުރަތަމަ 2 އަހަރު އެތަން ހިންގަނީ އެއްވެސް ކުއްޔެށް ދެއްކުމެއް ނެތި ކަމަށް އާދިލް ވިދާޅުވި އެވެ.
ކުރިން ހދ އަތޮޅު އޮފީހުގެ ބެލުމުގެ ދަށުގައި ހުރި ހދ އަތޮޅުގެ، ލާމަރުކަޒީ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭރުގެ ސަރުކާރުން ވަނީ ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި އެވެ. އެހެންވުމުގެ ސަބަބުން އަތޮޅު އޮފީހުގެ ނަމުގައި ހުރިތަންތަން އަތޮޅު ކައުންސިލަށް ބަދަލުވާނެ ކަމަށް ގާނޫނުގައި ބުނެފައި ވީ ނަމަވެސް ހދ އަތޮޅު އޮފީހުގެ ބެލުމުގެ ދަށުގައި ހުރި އަތޮޅުގެ އަތޮޅު ކައުންސިލަށް ލިބޭގޮތެއް ނުވި އެވެ.
މިކަމާ ގުޅޭގޮތުން ކުޅުދުއްފުށީ އޮންލައިން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހދ އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ޝުކޫރު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ހދ އަތޮޅުގެ މެރިޓައިމް އެކަޑަމީ އަށް ދީފައިވަނީ ގައުމީ އިދާރާ އާއި އެ އެކަޑަމީ އާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އެހެންނަމަވެސް އަތޮޅުގެ ވެސް އަދި އެނޫން ބިންބިންވެސް ދޫކުރަންޖެހޭނީ ބީލަމުގެ އުޞޫލުން ކަމަށް ޝުކޫރު ވިދާޅުވި އެވެ.
“ނިމިދިޔަ ސަރުކާރުން އަތޮޅުކައުންސިލާއި އެއްވެސްވަރަކަށް ނުބެހި އެއިރުގެ ގައުމީ އިދާރާއާއި މެރިޓައިމް އެކަޑަމީއާއި އެކު ވަނީ އެގްރީމެންޓެއް ހަދާފައި. އުސޫލެއްގެ ގޮތުން ބަލާއިރު ހދ. އަތޮޅުގެވެސް އަދި އެހެން ބިމެއްވެސް ކޮންމެ ބަޔަކަށް ދޫކުރިކަމުގައިވިއަސް ދޫކުރަންޖެހޭނީ ބީލަމުގެ އުސޫލުން. އެގޮތުން މެރިޓައިމް އެކަޑަމީއަށް ހދ. އަތޮޅުގެ ދީފައިވަނީ އެފަދަ އުސޫލަކުން ނޫން” މުހައްމަދު ޝުކޫރު ވިދާޅުވި އެވެ.
އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ޝުކޫރު ވިދާޅުވީ، މެރިޓައިމް އެކަޑަމީ އާއި ކުރީގެ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމަށް އަތޮޅު ކައުންސިލުން އިހުތިރާމުކުރާނެ ކަމަށާއި ސަރުކާރު ބަދަލުވެގެން އައި ނަމަވެސް މި ސަރުކާރުންވެސް އަތޮޅު ކައުންސިލަށް އެތަން ހަވާލުނުކުރާހާ ހިނދަކު އަތޮޅުގެއާ މެދު ކައުންސިލަށް ގޮތެއް ނުނިންމޭނެ ކަމަށެވެ.
ހދ އަތޮޅު ކައުންސިލުން ބުނަނީ އެކައުންސިލުން ކުރަމުން އަންނަ ތަރައްޤީގެ އެއްވެސް މަސައްކަތަކަށް ވެސް އަދި އަތޮޅު ކައުންސިލުގެ ބަޖެޓަށް ވެސް މެރިޓައިމް އެކަޑަމީ މިހާރު ހިންގަމުން އަންނަ ހދ އަތޮޅުގެ އިން އެއްވެސް ފައިސާއެއް ނުލިބޭ ކަމަށެވެ.
ކުޅުދުއްފުށިން ވާހަކަ ދެއްކި ބައެއް އާންމުން ވެސް ބުނަމުން އަންނަނީ، ކުޅުދުއްފުށީގައި ހުރި ފެންވަރު ރަނގަޅު އެ އިމާރާތް ބަޔަކަށް ހިލޭ ދެވިގެން ނުވާނެ ކަމަށެވެ. އަދި، ރައްޔިތުންގެ މާލިއްޔަތަށް ފައިދާ ނުވާގޮތަކަށް ބޮޑު އިމާރާތެއް އަމިއްލަ ބަޔަކާ ހަވާލުކޮށްފައި ނުބޭއްވޭނެ ކަމަށެވެ. ބަޔަކަށް އެތަން ކުއްޔަށް ދޭނަމަ އެކަން ކުރަންޖެހޭނީ ރާއްޖޭގައި ހުރި އެހެން ކޮލެޖްތަކަށް ވެސް ފުރުޞަތު ހުޅުވާލައިގެން ބީލަމުގެ އުޞޫލުން ކަމަށް އެފަދަ މީސްމީހުން ބުނެއެވެ.
ކަނޑުދަތުރުތަކާ ގުޅޭ ގިނަ ކޯސްތަކެއް ހިންގަމުން އަންނަ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އަކީ، މޯލްޑިވްސް ސީފެއާސް އެންޑް ލޭބަ ޔޫނިއަނުން ހިންގަމުން އަންނަ އެކަޑަމީ އެކެވެ. އެ ޔޫނިއަނަކީ ރާއްޖޭގެ ބޯޓު ދަތުރުކުރާ ފަރާތްތައް ގުޅިގެން 2009 ވަނަ އަހަރު އުފައްދާފައިވާ ޖަމާއަތެކެވެ.