ކުޅުދުއްފުށީ ގެއަކުން ވަގަށް ނެގި ފައިސާތަކަކާއި ރަން ގަހަނާތަކެއް ހޯދައި އެވައްކަމުގެ ތުހުމަތުގައި 3 މީހަކު ކުޅުދުއްފުށިން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ކުޅުދުއްފުށީގެ ގެއަކުން 28000 ރުފިޔާ އާއި ރަން ފައްޓަރު ބަޔަކާއި ރަން ފަށަކާއި އަދިވެސް ބައެއް ރަނުގެ ގަހަނާތައް ވަގަށް ނަގާފައިވަނިކޮށް ފުލުހުން އެތަކެތި ހޯދައި އެވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ 3 މީހުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހެޅުނު ވައްކަމުގެ މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 28 އަހަރުގެ މީހަކާއި 24 އަހަރު އަދި 25 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުންގެ މީޑިޔާއިން ނެރުނު ބަޔާނުގައި ވެއެވެ. މިމީހުންގެ ނަމެއް ފުލުހުން ހާމަކޮށްފައިވާ ނުވާއިރު ވައްކަން ކޮށްފައިވަނީ ކޮން ގެއަކުން ކަމެއް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި އެއް ނުވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި ވައްކަމުގެ މައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނުތާ 24 ގަޑިއިރުގެ ތެރޭގައި ވަގަށް ނަގާފައިވާ ތަކެތި ހޯދައި އެކަމުގެ ތުހުމަތުކުރެވޭ މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ވަގަށް ނަގާފައި ހުރި ފައިސާތަކާއި ގަހަނާތައް އޭގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ވަގަށް ނަގާފައިވާ ތަކެތި ފުލުހުން ހޯދާފައިވަނީ އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހުންގެ އަތުންނާއި އެތަނުން އެކެއްގެ ގޭގެ ގޮދަޑިއެއްގެ ތެރެއިންނާއި އަދި އެކި ތަންތަނުގައި ވަޅުލައި ފޮރުވާފައި ހުއްޓައެވެ.